ރާއްޖޭގެ ދެކުނު ސަރަހައްދުގެ ކަނޑުތައް މިއަދު ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 02:00 އާ ހަމަޔަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެކުނު އަތޮޅުތަކަށްވާ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ.
ސަމާލު ނެރެފައިވާ ވަގުތުތަކުގައި، އެ 4 އަތޮޅަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ވައިޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މިއަދާ މާދަމާވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ؛ލަފާކޮށްފައިވާއިރު، އެކި ސަރަހައްދުތަކަށް ދަނީ މޫސުމީ އެލާޓް ނެރެމުންނެވެ. މިހާރުވެސް ރ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ. 11:30 އަށް އެއަތޮޅުތަކަށް އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ.
ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.