މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގައި މަސް ކިރަން ބޭނުންކޮށްފައިވާ ”ރަންދި 27″ ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
މިފްކޯގެ އޮޕަރޭޝަންތަކުގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ މަސް ކިރާ ބޯޓުކަމުގައިވާ ”ރަންދި 27“ ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 25 ނޮވެމްބަރ 2024 ވަނަ ދުވަހުއެވެ. މިފްކޯއިން ”ރަންދި 27“ ސިޓީލައި ނީލަމުގައި ވިއްކާލުމަށް އިއްޔެ އަލުން ހުޅުވާލީ، އޭރު ރަންދި 27 ވިއްކާލަން ކުރި އިއުލާނުގެ މުދައްތު ހަމަވީއިރުވެސް އެ ބޯޓް ގަތުމަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީއެވެ.
މިފަހަރު އަލުން ހުޅުވާލިއިރު ނީލަންފެށޭއަގުވަނީ ދަށްކޮށްފަ އެވެ. ކުރިން ފަހަރު ނީލަންފެށޭ އަގުގެގޮތުގައި ފަސްލައްކަ ރުފިޔާއޮތް ނަމަވެސް މިފަހަރު ނީލަންފެށޭ އަގަކީ ހަތަރު ލައްކަ ރުފިޔާއެވެ.
ނީލަމުގައި ވިއްކާލާ އުޅަނދުގެ މައުލޫމާތު:
ނީލަން ނަންބަރު |
އުޅަނދުގެ ނަން |
އުޅަނދުގެ ބާވަތް |
އޮތްތަން |
ނީލަން ފެށޭއަގު |
މަދުވެގެން އިތުރު ކުރެވޭނެވަރު |
AUC-1 |
ރަންދި 27 |
ކަލެކްޓަރ ވެސަލް (ދަނގަޑު) |
ޅ. ފެލިވަރު |
400,000.00 |
25،000.00 |
ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށާއި، ޑިޕޮސިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުކަމަށް ކަނޑައަޅާފައިވާ އަގުގެ %10 ދައްކަންވާނެކަމަށް ބުނެފައި ވެއެވެ. ނީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ސިޓީ މެއިލް ކުރަން ޖެހެނީ [email protected] އަށެވެ. މިފްކޯއިން ބުނާގޮތުގައި، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންޖެހޭނީ އެކަމަށް ޚާއްސަކޮށްގެން މިފްކޯގައި ބަހައްޓާފައިވާ ފޮށްޓަށް ކަމަށާއި، އަގު ހުށަހަޅަންޖެހެނީ ކޮންމެ ނީލަމަކަށް ވަކި ސިޓީއެއްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ނީލަމުގައި ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00 ގައި މިފްކޯގެ ވެބްސައިޓު (https://mifco.mv/auctions) ގައި ޝާޢިއުކޮށް، ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވެއަތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ފައިބަރު ގްލާސްއިން ބަނދެފައިވާ، ”ރަންދި- 27“ އަކީ، 01 އޮކްޓޯބަރު 2018 އިން 05 ޖެނުއަރީ 2024 ގެ ނިޔަލަށް މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ 50 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ އުޅަނދެކެވެ. މި އުޅަނދު މިވަގުތު އޮތީ މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ. މި އުޅަނދު ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން އުޅަނދުތައް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ 7772920 ފޯނާ ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.