back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްޓީއައިގެ ނިޔަމި ކޯސް-2 ގެ އާބެޗުގެ ކިޔެވުން ފަށައިފި

މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ހިންގާ ނިޔަމި ކޯސް-2 ގެ އާ ބެޗުގެ ކިޔެވުން ފަށައިފި އެވެ.

މި ކޯހުގެ ކިޔެވުން ފެށީ އިއްޔެ އެމްޓީއައި ގެ މާލޭ ކޭމްޕަހުގައެވެ. ރާއްޖޭގެ އޮޑިވެރިންނާއި، ކައްޕިންނާއި، ކެޔޮޅުންނަށް އަދި މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ކޯހުގެ ކިޔެވުން މާދަމާ ހަމަޔަށް ކުރިޔަށްދާނެކަމަށް، އެމްޓީއައި އިން ބުންޏެވެ. 30ގަޑީއިރަށް ކުރިޔަށްގެންދާ މިކޯހުގައި 8 މީހުން ބައިވެރިވިއެވެ.

އެމްޓީއައިގެ ލެކްޗަރަރ ޝިނާން ވިދާޅުވީ، މި ކޯހުގެ ތެރެއިންެ ބައިވެރިންނަށް އޮޑި ގެންގުޅޭނެ ގޮތާއި، މެއިންޓެއިންކޮށް ބަލަހައްޓާނެ ގޮތާއި، ސަލާމަތީގޮތުން އޮޑިދޯނި ފަހަރުގަ ހަމަވާންޖެހޭނެ މިންގަނޑުތަށް ދަސްވެގެންދާނެކަމަށެވެ. އަދި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އޮޑިދޯނިފަހަރުގެ ސަލާމަތީ ހުރިހާ ގަވައިދެއް ދަސްވެގެންދާނެކަމަށް ޝިނާން ވިދާޅުވި އެވެ.

އެމްޓީއައިގެ ނިޔަމި ކޯސް-2 ގެ ތިއަރީ ކްލާހުގައި، ރާއްޖޭގެ ޗާޓް ބަލައިގެން ކޯޑިނޭޓްކުރާނެގޮތް ދަސްކޮށްދެނީ/ ފޮޓޯ: ކައިލް-ކެޔޮޅާ:

މިކޯހުގައި ކިޔަވަމުންދާ ދަރިވަރުން ދެކޭ ގޮތުގައި މިފަދަ ކޯސްތަކަކީ އެ ދަރިވަރުންނަށް ކަނޑުމައްޗަށް ނިކުންނައިރު އާ ހިތްވަރަކާއިއެކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އޭގެ އިތުރުން ކަނޑުމަތީގައި ދިމާވާ ކާރިސާތަކުގައި އަމަލު ކުރާނެ ގޮތް ދަސްވެ، އެފަދަ ހާލަތްތަކުގައި ސާބިތުކަމާއި އެކީ ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިއުންކަމަށް ދަރިވަރަކު ބުންޏެވެ.

”އަޅުގަނޑުމެންނަށް މި ކޯހުން ޢުޅަނދު ދުއްވާނެ ގޮތާއި، ރޫލްސް އެންޑް ރެގިއުލޭޝަނާއި ސޭފްޓީ އަދި ޑިސްޓްރެސް ސިގްނަލް ފޮނުވާނެ ގޮތް ދަސްވޭ. އޭގެ އިތުރުން ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވީމަ ކަނޑުމަތީގަ ކަމެއް ދިމާވާނެ ވަގުތެއް ނޭނގޭނެ ބުނާކަށް. އެހެން ނަމަވެސް އިލެކްޓޮރޯނިކް ވަސީލަތްތައް ފެއިލް ވިޔަސް، އިޕާ ބޭނުންކޮށްގެން ޑިސްޓްރެސް ކޯލް ފޮނުވާ އަމިއްލައަށް މެޕުގަ ކޯޑިނޭޝަން ޖަހައިގެން ދަތުރުފަތުރުކުރަން ދަސްވާނެ“.  ކޯހުގެ ބައިވެރިއަކު ބުންޏެވެ.

ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭކޯހެކެވެ.

މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަ އެވެ. ނިޔަމި ކޯސް-2އަކީ މީގެތެރެއިން އެއްކޯހެވެ. މިއަހަރު ގައްދޫ، އިނގުރައިދޫ އަދި އޮމަދޫގައި ނިޔަމި ކޯސް-2ގެ ކޯސްތައް ބާއްވަން މިހާރުވެސް އެމްޓީއައިއިން ދަނީ ތައްޔާރުވަމުންނެވެ.

މިލިޔުމާއި ގުޅޭ