މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ކުރަމުން އަންނަ އިންވެސްޓްމަންޓްތަކުގެ އެންމެ ފުރިހަމަ ނަފާ ލިބޭނީ މަސް ގަންނަ ފެސިލިޓީތަކަށް ދާއިމީ ގޮތެއްގައި މަސް ލިބޭނެ ގޮތްތަކެއް ހޯދިގެންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަނޑުމަހުގެ މުނާސަބަތުގައި ކަމާގުޅުންހުރި ފަރާތްތަކައް ތަހުނިޔާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
”ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި މަސްވެރިއާއިލާތަކާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އަރިސްކުރަން.“ މިނިސްޓަރުގެ މެސެޖުގައި ވެއެވެ.
މިނިސްޓަރުގެ މެސެޖުގައި ފާއިތުވީ އަހަރަކީ ދިވެހިރާއްޖެއަށް މިއިން ޒަމާނެއްގައި މަސްވެރިކަން ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ އަހަރެއްކަމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަކީން ހާއްސަކޮށް އެލްނީނޯ އަދި އިންޑިއާ ކަނޑުގެ ޑައިޕޯލްގެ ސަބަބުން ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔަ އަހަރެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، މިއީ ރާއްޖޭގައި މަސްވެރިކަންކުރާ ގޮތަށް ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައަށް މަސް ތިލަވުމުން މަސްވެރިކަން ކުރާ ޤައުމުތަކަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ، މޫސުމީ މިފަދަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ދިވެހިންވެސް ހޭނެންޖެހޭކަމަށެވެ. އަދި، ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ އެހެން ގޮތްތައް ހޯދައި، މަސްވެރިކަމުގެ އެހެނިހެން ބާވަތްތައް ކުރުމަށް މަގުފަހިކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަކީ މުޙިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.
”އަޅުގަނޑުމެން މަސްވެރިކަމުގެ ސިނާޢަތަށް މިކުރާ އިންވެސްޓްމަންޓްތަކުގެ އެންމެ ފުރިހަމަ ނަފާ ލިބޭނީ ދާއިމީ ގޮތެއްގައި އެ ފެސިލިޓީތަކަށް މަސް ލިބޭނެ ގޮތްތަކެއް ހޯދިގެން.“ މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވެއެވެ.
މި ސަރުކާރުގެ އާމާޒަކީ މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް، އޭގެއިން ލިބޭ އިގުތިސާދީ ނަފާ އިތުރުކުރުމެވެ. އަދި، މަސްވެރިކަމަށް އިންވެސްޓްކޮށް، މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކޮށް، މަސްވެރިކަމުގެ އިގުތިސާދީ ހަރަކާތްތަކުގައި ބައިވެރިވާ އާބާދީ އިތުރުުކުރުމެވެ.