back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންނަށް ބީއެމްއެލްއިން ދޫކުރާ ލޯނުތަކަށް މިއަދުން ފެށިގެން ހުށައެޅޭނެ

މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު ސޮއިކުރެވުނު ފަހުމުނާމާ ދަށުން، މަސްވެރިންގެ ޤައުމީ ދަފުތަރުގައި، ދަފްތަރުވެފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ލޯނަށް އެދި ހުށައެޅޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް، (ބީ.އެމް.އެލް) އިން ބުނެފިއެވެ.

ހުސްވި އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ސޮއިކުރި މިފަހުމު ނާމާއާއެކު، މީގެ ކުރިން މަސްވެރިންނަށް ލޯނު ލިބުމުގައި ހުރި ދަތިތައް ފިލައިގެން ދާނޭ ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގެ ދަށުން އަންނަ ބަދަލުތަކާއެކު މަސްވެރިންނަށް، އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގްވެސް ނެގޭނެއެވެ. ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ފާހަގަކުރައްވާފައިވާ ގޮތުގައި މަސްވެރިން ނަގާ ލޯނުތައް އަނބުރާ ދެއްކުމުގައިވެސް ބޭންކުން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ، މަހުންމަހަށް ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަސްވެރިންނަށް ލިބޭ އާމުދަނީގެ މައްޗަށް ރިޢާޔަތްކޮށް ލޯނު ފައިސާ އަނބުރައި ދައްކަން ޖެހޭ އަދަދު ކަނޑައެޅުމެވެ.

މަސްވެރިންނަށް އެދި ހުށައެޅޭނެ ލޯނުތައް:

  •  ޕަރސަނަލް ފައިނޭންސިންގ ލޯނު
    މިލޯނަކީ އަމިއްލަ ބޭނުންތަކަށް ނެގެނޭނެ ލޯނެކެވެ. 10000ރ އިން ފެށިގެން 300000 ރުފިޔާއާ ހަމައަށް ނެގޭ މިލޯނަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ. އަދި އިކުއިޓީއެއްވެސް ދައްކާކަށް ނުޖެހޭނެއެވެ. %15 އިންޓަރެސްޓް ރޭޓުގައި ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތު ލިބޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް އަދަދު ކަނޑައަޅާނީ މަސްވެރިންނަށް އަހަރުގެ ތެރޭގައި އާމްދަނީ ލިބޭ ނިސްބަތަށް ބަލައިގެންނެވެ. މިއީ މިގޮތަށް ލޯނު ދެއްކުމަށް ފެލްކްސިބަލް އަދަދު ކަނޑައަޅައި ލޯނު ދޫކުރާ ފުރަތަމަ ފަހަރެވެ.

މަސްވެރިންނަށް ލޯނު ދޫކުރާ ޢަދަދު ކަނޑައެޅުމުގައި ބީއެމްއެލްއިން ބަލާނީ، މަސްވެރިންނަށް އެއް އަހަރު ދުވަހު ލިބިފައިވާ އާމުދަނީއަށެވެ. ޕަރސަނަލް ފައިނޭންސިންގ ލޯނަށް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނުންނާއި ބީއެމްއެލް އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ.

  •  ބޯހިޔާވަހިކަމަށް ދޫކުރާ ފައިނޭންސިންގ ލޯނު

* ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސް
މިއީ ފްލެޓް އެޕާޓްމަންޓް، ރޯހައުސް، ސިންގަލް ޔުނިޓް ނުވަތަ ކޮންޑޮމީނިއަމް އެޕާޓްމަންޓް، ގަރާޖު/ ޕާކިންގ ސްޕޭސް އަދި ބިންގަތުމަށް ދޫކުރާ ލޯނެކެވެ. މި ލޯނަކީ، ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ލީސް ރޭޓުގައި ދޫކުރާ ލޯނެވެ. ލީސްރޭޓަކީ 9% އެވެ. މިލޯނަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭނީ %10 އާއި %20 ޕަސެންޓާއި ދެމެދުގެ އަދަދެކެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ، 2 އަހަރު ފަހުންނެވެ.

* ހޯމް ބިލްޑް ފައިނޭންސް
މިލޯނަކީ، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް ނުވަތަ އިމާރާތްކުރަން ފަށާފައިވާ ގެދޮރުގެ މަސައްކަތް ނިންމުމަށް ދޫކުރާ ލޯނެކެވެ. މިލޯނުވެސް 2 މިލިއަން ރުފިޔާ އާއި ހަމައަށް ނެގޭނެއެވެ. އަދި މިލޯނަށް އިކުއިޓީގެ ގޮތުގައި ލޯނުގެ %25 ބަހައްޓަން ޖެހޭނެއެވެ. މިލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، ލޯނު ދައްކަން ފެށުމަށް 1 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މިލޯނުގައި ރަހުނު ކުރަންޖެހޭނީ ޢިމާރާތްކުރާ ތަން އެކަންޏެވެ.

* ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސް
މިއީ ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކަށް ދޫކުރާ ލޯނެކެވެ. 45 މިލިޔަން ރުފިޔާ އާއި ހަމައަށް ދޫކުރާ މިލޯނުގައި އިކުއިޓީގެ ގޮތުގައި ބަހައްޓަންޖެހޭ އެންމެ ކުޑަމިންވަރަކީ ލޯނުގެ %20 އެވެ. މިލޯނަކީވެސް 20 އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ. ލޯނު ދައްކަން ފެށުމަށް 1 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު ސޮއިކުރެވުނު މިފަހުމު ނާމާގެ ދަށުން މަސްވެރިންނަށް، ކުރެޑިޓް ކާޑާއި، އިސްލާމިކް ކްރެޑިޓްކާޑުގެ ވެސް ނެގޭނެއެވެ. އަދި މަސްވެރިންގެ ދަރިންނާއި އާއިލާގެ މެމްބަރުން މަތީ ތަޢުލީމު ޙާސިލްކުރުމަށް މަސްވެރިންނަށް ބީއެމްއެލް ކިޔަވާ ލޯނުވެސް ނެގޭނެއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ލިބޭނެގޮތް ހަދައި ދިނުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.

މިލިޔުމާއި ގުޅޭ