ދ. މާދެލި ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މާދެލި ވަދު ކަނދުފަތި، އެރަށުގެ ހުޅަނގުން 6 މޭލު ބޭރުގައި މިއަދު ގާއިމުކޮށްފައިވާކަމަށެވެ.
ކަނދުފަތި ނަންބަރަކީ K08V02 އެވެ.
މިއީ، ދ އަތޮޅުގައި މި ސަރުކާރުން އެޅި ދެވަނަ ވަދުކަނދުފައްޗެވެ. މިއަހަރުގެ ޖެނުއަރީ މަހު ދ. މީދޫ ކަނދުފަތި ވަނީ އެރަށުގެ އިރުން 5.5 މޭލު ބޭރުގއި ގާއިމުކޮށްފަ އެވެ. އެކަނދުފަތީގެ ނަންބަރަކީ K09V02 އެވެ. އެ ކަނދުފަތި ގާއިމުކުރުމާއި ގުޅިގެން އެކަން ފާހަގަކޮށް ޝުކުރު ދެންނެވުމުގެ ގޮތުން ދ. މީދޫގެ ރައްޔިތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ބޮނޑިބަތް ފަރިވަޅެއްވެސްއަރުވާފައި ވެއެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަކޮށް އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. ވަދުކަނދުފަތި ކައިރިން އެއް މޭލު ސަރަހައްދެއްގައި އަތުނަނު ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުން މީގެކުރިން މަނާކޮށްފައިވީނަމަވެސް، މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހާއެކު، ވަދު ކަނދުފަތިތައް ކައިރީ މިހާރު ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ.