ދައުލަތް ދަންނަބަޔަކަށް މަސްވެރިން ހެދުމަށްޓަކައި ބީ.އެމް.އެލްއާއި ފިޝަރީޒް މިނިސްޓްރީއާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއި ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި އެހިސާބަށް އާދެވުނީ އެތައް ދުވަހެއް ވާންދެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވެއްޖެއެވެ.
”ކެޔޮޅާ“އަށް ދެއްވި ބަސްދީގަތުމުގައި ނަޝީދު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އުފެދުނު ދުވަހުން ފެށިގެން، މަސްވެރިންނަކީ، ދައުލަތް ދަންނަ ބަޔަކަށް ހެދުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރަމުން އައިކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވެސް 2021 ވަނަ އަހަރު ބީކޭއެމްޔޫއިން ޕެޓިޝަނެއްވެސް ހުށައެޅި ކަމަށާއި އޭގެ ތެރޭގައިވެސް ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ނުކުތާއަކީ، ބޭންކިންގ ނިޒާމްގެ ތެރޭގައި މަސްވެރިންނަށް ހުރި ދަތިތައް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަސްވެރިންގެ މެނިފެސްޓޯ ހެދުމަށް މައި ދެޕާޓީންވެސް ބީކޭއެމްޔޫއާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔަކަމަށެވެ. އެގޮތުން އެމަޝްވަރާތަކުގައިވެސް އެކަން ހިމަނާފައިވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
”ބުނަން މިއުޅޭ އެއްޗަކީ މިއީ ހަމަ ހުރެފައި ވީ ކަމެއް ނޫނޭ. މިއީ އަޅުގަނޑުމެން ހަމަ ފުދޭ ވަރަކަށް ގިނަ ދުވަސްވަންދެން ކުރެވުނު މަސައްކަތެއްގެ ނަތީޖާއޭ އަސްލު މިއަދު ފެންނަމުން މިދަނީ. އެހެން ކަމަށް ވެއްޖިޔާ މިއީ ބޭންކިންގ ފެސިލިޓީގެ ތެރެއަށް މަސްވެރިން ވަދެގެން ދިޔުން އެއީ ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑާއިއެކުގައި ބީކޭއެމްޔޫގައި މަސައްކަތް ކުރި، ލީޑު ކެޔޮޅުންނާއި، ކެޔޮޅުންގެ ދަށުން މިތިބި އެންމެހައި މަސްވެރިންގެ ވަރަށް ބުރަ މަސައްކަތުން ވީކަމެއް މިއީ. ހަމަ ހުރެފައި ވީކަމެއް ނޫން މިއީ“ ބީކޭއެމްޔޫގެ ރައީސް ޙުސައިން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އުއްމީދަކީ އެންމެހާ މަސްވެރިންނަށް ލާބަޔާއި މަންފާ ލިބޭނެގޮތަށް އެކަން ވީހާވެސް އަވަހަކަށް ތަންފީޒުވެގެން ދިޔުންކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިޔަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު އިއްޔެ ވެވުނު ފަހުމުނާމާ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގްވެސް ނެގޭނެއެވެ. މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.