ގެއްލިފައިވާ ”ކަށި ވާލި“ (ބްރިލިއަންޓް ކެރިއަރ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ގދ.ގައްދޫއިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ މި ދޯނި ޚަބަރެއް ނުވެގެން އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ ދޯނީގެ ވެރިފަރާތުންނެވެ. އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން މި ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ދިގު މިނުގައި 76 ފޫޓު ހުންނަ މި ދޯނީގައި 5 ފަޅުވެރިން ތިބި ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. އެމްއެންޑީއެފްއިން ބުނީ އެންމެ ފަހުން މިދޯނީގެ ޚަބަރެއް ވެފައިވަނީ ރޭ ދަންވަރު 2:40 ހާއިރުކަމަށް ދޯނީގެ ވެރިފަރާތުންވަނީ މަޢުލޫމާތު ދީފައިވާކަމަށެވެ. ގަދަ ނޫކުލަޔާއި މަޑު ނޫކުލަ އަދި ހުދު ކުލަ ހިމެނޭ މި ދޯނި މިއަދު ހެނދުނު 09:00 ހާއިރު ލާމު އަތޮޅަށް ވަންނަން ޖެހޭނެކަމަށްވެސް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.