އެމްއެންޑީއެފް ކޯސްޓް ގާޑު ”ހުރަވީ“ އިންޑިއާގައި މަރާމާތު ކުރުމަށްފަހު ރޭ ރާއްޖެއަށް ގެނެސްފިއެވެ.
2023 ވަނަ އަހަރު އިންޑިއާއިން ހަދިޔާކުރި ކޯސްޓްގާޑް ޝިޕް ”ހުރަވީ“ މަރާމާތުކުރުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިންޑިއާގެ މުމްބާއީގެ ނޭވަލް ޑޮކްޔާޑްގައި ފުރަތަމަ ފަހަރަށް ހުރަވީގެ މަރާމާތު މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މުމްބާއީން ފުރައިގެން އައިސް ރާއްޖެއަށް ބަނދަރުކުރެވުނީ ރޭގެ ވަގުތެއްގައެވެ. ”ހުރަވީ“ ރާއްޖެއަށް ދަތުރުކޮށްފައިވަނީ އިންޑިއާގެ އަސްކަރީ މަނަވަރު ކޮޗީގެ ބެލުމުގެ ދަށުންނެވެ. އިންޑިއަން ނޭވީން މި އުޅަނދު މަރާމާތުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް އެގައުމުގެ ސަރުކާރުގެ ޚަރަދުގަ އެވެ.
”ހުރަވީ“ މަރާމާތު ކުރުމުގެ މަސައްކަތުގެތެރެއިން އެއުޅަނދުގެ ހުރިހާ މެޝިނަރީތަކާއި، ހަތިޔާރުތަކާއި، ސެންސަރތަކުގެ މަރާމާތުގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި އިންޑިއާއިން ފުރުމުގެ ކުރިން އުޅަނދު ބަނދަރުގައި އަދި ކަނޑުމަތީގައި ޓެސްޓްކޮށް، އޭގައި ހުރި އާލަތްތަކުގެ އޮޕަރޭޝަނަލް ޗެކްތަކާއި، ސަލާމަތީ އޮޑިޓްތަކާއި، އޮޕަރޭޝަނަލް ސީ ޓްރެއިނިންގ ވެސް ފުރިހަމަކޮށްފައި ވެއެވެ.

”ހުރަވީ“ ރާއްޖެއަށް އައުމާއި ގުޅިގެން، ހުޅުމާލޭ އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ޖެޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާ ހުރަވީ ރަސްމީކޮށް ހަވާލުކޮށްދެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ޖީ. ބާލަސުބްރަމަނިއަން އެވެ. މި ރަސްމިއްޔާތުގައި އިއްޒަތްތެރިންނާއި، އޮފިޝަލުން އަދި ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ”ހުރަވީ“ މަރާމާތުކޮށްފައިވާއިރު، ކުރިޔަށް އޮތްތާނގައި ހުރަވީގެ މަރާމާތަށް ބޭނުންވާ އޮޕަރޭޝަނަލް އިކުއިޕްމަންޓާއި، މުހިންމު ސްޕެއަރ ޕާޓްތައްވެސް އެމްއެންޑީއެފްއަށް ހަދިޔާކޮށްފައި ވެއެވެ. މީގެ އިތުރުން، އެމް.އެން.ޑީ.އެފްއަށް ގިނަ އަދަދެއްގެ ހަތިޔާރުގެ ވަޒަނާއި، މިއުޒިކް އިންސްޓްރުމަންޓްތައް ވެސް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.
ހުރަވީ މަރާމާތުކުރުމަށްފަހު ރާއްޖެ ގެނައުމަކީ، މެރިޓައިމްގެ ދާއިރާއިން ދެގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެކެވެ. އަދި، އިންޑިއާ ސަރުކާރުން ގެންގުޅޭ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ އަދި ”ވިޝަން ސާގަރް“ ގެ ދަށުން ރާއްޖެއާއެކު އިސްތިރާޖީ އަދި އަސްކަރީ ގާތްގުޅުމެއް އިންޑިއާއިން ބާއްވަމުން އަންނަކަމުގެ ހެއްކެކެވެ.
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް ”ހުރަވީ“ގެ ގޮތުގައި މީގެކުރިން ބޭނުންކުރި އުޅަނދަކީވެސް އިންޑިއާއިން 2006 ވަނަ އަހަރު ހަދިޔާ ކުރި އުޅަނދެކެވެ. އެ އުޅަނދުވެސް އިންޑިއާއިން 6 ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައި ވެއެވެ. ކޯސްޓްގާޑް ”ކާމިޔާބު“ އަކީވެސް އިންޑިއާއިން 2019 ވަނަ އަހަރު ހަދިޔާ ކުރީ އުޅަނދެކެވެ.