ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިއްޖެއެވެ.
ފުލުހުން މިރޭ ބުނީ ގެއްލިފައިވަނީ އިއްޔެރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯންޏެކެވެ. އެދޯނީގައި 5 މީހުން ތިބި ކަމަށާއި، އެއީ 3 ދިވެހިންނާއި 2 ބިދޭސީންކަމަށްވެސް ފުލުހުން ބުންޏެވެ.
ގެއްލުނު ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ، ހުވަދު އަތޮޅަށް ވަންނަން ގާތްވެފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.
”ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށް. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވޭ.“ ފުލުހުން ބުނެފައި ވެއެވެ.
ދޯނި ގެއްލުނު މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް މިއަދު ހަވީރު 6:00 ގައި ރިޕޯޓުކުރުމާއި ގުޅިގެން އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ފުލުހުންގެ ފަރާތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށާއި، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން އެދިފައި ވެއެވެ.