ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ވިޔަފާރިވެރިންގެ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ވިޔަފާރިވެރިންގެ ވަފްދަކީ އެގައުމުގެ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިސްވެ އިންތިޒާމްކޮށްގެން އެކި ދާއިރާތައް ތަމްސީލު ކުރެވޭގޮތައް އެކުލަވާލާފައިވާ މަތީ ފެންވަރުގެ ވަފްދެކެވެ.

މިއަދު މެންދުރު ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު މިނިސްޓަރު ވަނީ އެ ވަފްދާއި ހިއްސާކުރައްވައި އެކަމާގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މައުލޫމާތު ބަދަލުކުރެއްވި މުހިންމު ދާއިރާތަކުގެ ތެރޭގައި މެރިކަލްޗަރ އާއި މަސް ޕްރޮސެސް ކުރުމުގެ އިންފްރާސްޓްރަކްޗަރ ފުޅާކުރުމާއި ސްޕޯޓްސް ފިޝިންގ މެރީނާތައް ތަރައްޤީކުރުން ހިމެނެއެވެ.
އިންޑިއާގެ މި ވަފްދަށް ޚާއްސަކޮށްގެން މިއަދު ވަނީ ”އިންވެސްޓްމެންޓް އިންފޮމޭޝަން ފޯރަމް“ އެއްވެސް ބާއްވާފަ އެވެ. ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި ފޯރަމްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފާއި، ޑިރެކްޓަރ އަހްމަދު ޝިފާޒް ބައިވެރިވަޑައިގެން ރާއްޖޭގެ މެރިކަލްޗަރ ސިނާއަތާއި، މަސް ޕްރޮސެސް ކުރުމުގެ ވަސީލަތްތަކާއި ޓެކްނޯލޮޖީ އަދި ސްޕޯޓްސް ފިޝިން މެރީނާ ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި، އިންޑިއާގެ އިންވެސްޓަރުންނަށް ނުވަތަ އިންޑިޔާގެ ވިޔަފާރިތަކަށް އިންވެސްޓް ކުރެވެންހުރި ފުރުސަތުތައް ހިއްސާކޮށް، އިންވެސްޓްކުރުމަށް ކުރިޔަށްގެންދަން ޖެހޭ މަރުހަލާތައް ސާފުކޮށްދެއްވާފަ އެވެ.