މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ މީހަކު ކަނޑައަޅާފައިވާ ކަމަށާއި، އެނަން މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑަށް ފޮނުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ބޭނުމުގައި މަސްވެރިން ތަމްސީލުކުރާނެ މީހަކު މިފްކޯ ބޯޑަށް ކަނޑައެޅުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސަރުކާރުގެ ހަފުތާ-14 އިގެ މަގުޗާޓުގައި ހިމެނޭ ފިޝަރީޒް މިނިސްޓްރީއަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރު ހާމަކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވީ، މިނިސްޓްރީން މަސްވެރިންނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ފަރާތްތަށް ޝޯޓް ލިސްޓުކޮށް އެކަމަށް އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިއަކު ބޯޑަށް އައްޔަނު ކުރެވެމުން މިފްކޯއިން ދުވަހުން ދުވަހަށް ކުރަމުންދާ މަސައްކަތް މަސްވެރިންނާއި ހިއްސާކުރެވިގެންދާނެކަމަށާއި، މިފްކޯ ހިންގުމުގައި މަސްވެރިންނަށް ބަސްބުނުމުގެ ޖާގަ ލިބިގެން ދާނެކަމަށެވެ.
މިފްކޯގެ ބޯޑަށް މަސްވެރިއަކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 28 އިން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފުރުސަތުގައި ނަން ހުށަހެޅީ ކިހާ އަދަދެއްގެ މަސްވެރިންނެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.
އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިއީ، މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް ހިންގާ މިނިވަން ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ކަނޑައެޅުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.