އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިއަހަރުގެ ފުރަތަމަ ކޯސް ފަށައިފި އެވެ.
މި ކޯހަކީ، ފިޝަރީޒް މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ތެރެއިން، ކުރިޔަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ސިލްސިލާ ކޯސްތަކުގެ ތެރެއިން ކޯހެކެވެ. މިމަހުގެ 26 އިން 8 މެއިގެ ނިޔަލަށް ކުރިޔަށްގެންދާ މިކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
މިކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދޭނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ބުނެފައި ވެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފްކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމަށާއި، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެކެވެ. މިހާތަނަށް އާއިރު މި ޕްރޮގްރާމްގެ ދަށުން 26 ފަރާތެއް ތަމްރީންކޮށްފައި ވެއެވެ.