މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މިދިޔަ ހަފުތާގައި މަސްވެރިންނަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ހޯމައިން ފެށިގެން އިއްޔެެ ނިޔަލަށް ދޫކޮށްފައިވަނީ، މިމަހުގެ 19ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ އެކި ފެސިލިޓީތަކަށާއި ވެސެލްތަކަށް އޮޑިފަހަރުން ވިއްކި މަހަށްވާ ފައިސާ އެވެ. ހުކުރު ދުވަހަކީ މިފްކޯއިން މަސް ނުގަންނަ ދުވަހަކަށްވާތީ މި ޕްލޭންގެ ދަށުން އާދީއްތަދުވަހު ފައިސާ ދުލެއް ނުކުރާނެއެވެ.
މިމަހުގެ 19ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހުގެ ނިޔަލަށް 346 އޮޑިއަކުން މިފްކޯއަށް 33.2 މިލިއަން ރުފިޔާގެ މަސް ވިއްކާފައި ވެއެވެ. އޮޑިފަހަރުން ކްރެޑިޓަށް ނަގާފަހުރި އައިސް އަދި ތެލުގެ ބިލަށްވާ 5.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އުނިކުރުމަށްފަހު މިދިޔަ ހަފުތާގައި ދޫކޮށްފައި ވަނީ ޖުމްލަ 27،964،384ރ(ހަތާވީސް މިލިއަން ނުވަލައްކަ ފަސްދޮޅަސް ހަތަރުހާސް ތިންސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) އެވެ.
ފައިސާ ދޫކުރި މުއްދަތަށް ބަލާއިރު، އެންމެ ގިނަ އޮޑިފަހަރު މިފްކޯއަށް މަސް ކިރާފައިވަނީ، މިމަހުގެ 20ވަނަ ދުވަހު އެވެ. އެދުވަހު 75 ދޯންޏަކުން މަސްކިރާފައިވެއެވެ. މިފްކޯއަށް އެންމެގިނައިން މަސްކިރާފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ. އެ ދުވަހު 56 ދޯންޏަކުން 403.62 ޓަނުގެ މަސް ކިރާފައި ވެއެވެ. އެއީ، 6.4 މިލިޔަން ރުފިޔާގެ މަހެވެ. މިއީ، ފަހުގެ ތާރީޚެއްގައި މިފްކޯއަށްް އެންމެ ގިނަ އަދަދަކަށް މަސް ކިރުވި ދުވަހެވެ. އެދުވަހު ކިރުވިމަހަށް، މަސްވެރިންގެ ކްރެޑިޓް އުނިކުރުމަށްފަހު 5.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވެއެވެ.
އޭގެ ކުރީ ހަފުތާއަށް ބަލާއިރު މިފްކޯއިން ވަނީ 254 ދޯންޏަކުން ވިއްކި މަހަށް 14.8 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ދެ ހަފުތާ އަޅާކިޔާއިރު، މި ހަފުތާގައި ދޫކުރި ފައިސާގެ އަދަދު ވަނީ 15.2 މިލިއަން އިތުރުވެފަ އެވެ.
މިފްކޯއަށް މަސް ކިރުވާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޭން ފެށުމާއެކު މަސްވެރިކަމުގެ ހަރަކާތްތައް އިތުރުވެ، އެކުންފުންޏަށް މަސް ކިރާ އޮޑިފަހަރުގެ އަދަދު ދަނީ ހަފުތާއިން ހަފުތާއަށް އިތުރުވަމުންނެވެ.