މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެކަމަށް އެ މުބާރާތް އިންތިޒާމު ކުރާ ވިޒިޓް މޯލްޑިވްސް ކްލަބުން ބުނެފި އެވެ.
މިރޭގެ 8 އިން 11އަށް ބާއްވާ މިހަރަކާތުގައި ރާއްޖޭގެ ސްޕޯޓްސް ފިޝިންގް ގްލޯބަލް އެމްބެސެޑަރ ފްލައި ނަވާރޯ އާއި މުބާރާތުގައި ބައިވެރިވާ ޓީމް ތައާރަފްކުރުން އޮންނާނެއެވެ. އިތުރު އައިޓަމްތަކުގެ ތެރޭގައި، ބޮޑުބެރު ގުރޫޕް ބިދަބިންގެ ހުށައެޅުންތަކާއި، ބޮޑުމަސް ބޭނުމުގެ އިތުރުން އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ގިވްއަވޭއެއްވެސް ކުރިޔަށްދާނެކަމަށް، ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް އަޙްމަދު ސާއިފް ވިދާޅުވި އެވެ.
”ބުރުނު ބޮމަ“ މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ 9 ޓީމެވެ. އެއީ، ސައިރެން އޮފް ދަ ސީ، ކެޕްޓަން ބޯޓު ކުލަބް، ސައިލެންޓް ހަންޓާ، ބަރޮސް މޯލްޑިވްސް، އިފުރު، ޓީމް ދުބާއީ، މަލަހިނި، ޝުރުނޯ އަދި ޑޭޝް މޯލްޑިވްސް އެވެ.
އިންޓަރނޭޝަނަލް ޓީމުތަކަށާއި ރާއްޖޭގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ލޯންޗުކޮށްފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. މިމުބާރާތް ކުރިޔަށްދާނީ، މެއި މަހުގެ 2 ވަނަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން، މެއި މަހުގެ 4 ވަނަ ދުވަހުގެ އިރުއޮއްސި 18:00އަށެވެ.