back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ ފުރަތަމަ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި

ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް އަމިއްލަ ފަރާތަކުން ކުރިޔަށްގެންދާ މަޝްރޫޢު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ އާދީއްތަ ދުވަހު ބ. ފެހެންދޫގައެވެ.ފިޝަރީޒް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ ހެއްދުމަށް އަމިއްލަ ފަރާތަކުން ފަށާފައިވާ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން މެރިކަލްޗަރ ދާއިރާގައި އިތުރު މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައިވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވަނީ ބުނެފައެވެ. މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަންވެސް އެމިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

މޫދުވިނަ ހެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދަ ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏަކަށް ފިޝަރީޒް މިނިސްޓްރީންދީފައިވަނީ މިދިޔައަހަރުގެ ޑިސެންބަރުމަހުގައެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އެކުންފުންޏަށް ދީފައިވާއިރު، 6 މަހުގެ ނަތީޖާއަށް ބަލައި މޫދުވިނަ ވިޔަފާރި ކުރުމުގެ ލައިސަންސް އެ ކުންފުންޏަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވެއެވެ.

ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސީވީޑް ހެއްދުމުގެ މަސައްކަތް ފަށާފައިވަނީ މި ދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ބ. ފެހެންދޫގަ އެވެ. އެ މަސައްކަތައް ބޭނުންވާ މޫދުވިނަ ގެނައީ އަވަށްޓެރި ސްރީލަންކާއިންނެވެ. ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ކުރިޔަށް ގެންދާ މި މަޝްރޫއު އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑުން، މޫދުވިނައިގެ ވިޔަފާރި ފެށީ އެއްވެސް ހާލަތަކާހުރެ ހުއްޓުމަކަށް ނާންނާނެ، އަދި މެދުނުކެނޑި ރަނގަޅު ނަފާއެއް ލިބިދޭނެ ވިޔަފާރިއެއް ފެށުމުގެ ބޭނުމުގައި ކަމަށް އެކުންފުނިން ބުންޏެވެ. އެކުންފުނިން މިހާރު ތައްޔާރުވަމުންދަނީ މޫދުވިނަ އެކްސްޕޯޓްކުރުމަށެވެ. އެކުންފުނީގެ އަމާޒުހުރީ ފުރަތަމަ ޝިޕްމެންޓްގައި 20 ޓަނުގެ ކޮންޓެއިނަރެއް އެކްސްޕޯޓްކުރުމަށެވެ. މިހާރުގެ ބާޒާރު އަގަށް ބަލާނަމަ އެއީ، ގާތްގަނޑަކަށް 35،000 އެމެރިކާ ޑޮލަރެވެ.

ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑް ހައްދަން ފެށި ސީވީޑްގެ ބާވަތަަކީ ކައްޕަފައިކަސް އަލްވަރޭޒް އެވެ. މި ސީވީޑަކީ، އޮލަކުރާ މާއްދާއެއްކަމަށްވާ ”ކަރިޖީނަން“ އުފައްދަން ބޭނުންކުރާ ސިވީޑް އެކެވެ. ދުނިޔޭގެ މާކެޓަށް ބަލާއިރު، ބިއުޓީ އިންޑަސްޓްރީގެ އުފެއްދުންތަކާއި، ޗޮކްލެޓް އަދި ބައެއް ބުއިންތައް އުފައްދަންވެސް މި މާއްދާ ވަރަށް ގިނައިން ބޭނުންކުރެއެވެ. މިއީ، ވަރަށް ހިނގާ ދުނިޔޭގެ މިފަދަ އެކި ސިނާއަތްތަކުން ވަރަށް އަގުބޮޑުކޮށް ގަންނަ މާއްދާއެކެވެ. އެހެންކަމުން ރާއްޖޭގައި ހައްދަން މި ފެށީ ދުނިޔޭގެ މާކެޓަށް ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭނެ، މާކެޓް އޮތް ސީވީޑެކެވެ.

1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސީވީޑް އާލާކުުރުމުގެ ނުވަތަ ހެއްދުމުގެ ޕްރޮޖެކްޓްތަކެއް ކުރިޔަށްގެންދިޔަ އެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ އެ ޕްރޮޖެކްޓްތައް ވަނީ ހުއްޓާލާފަ އެވެ. މީގެ ކުރިން އެފް.އޭ.އޯ އިންވެސް ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި، މިއީ ކާމިޔާބުކަމާއެކު އާލާކުރެވިދާނެ ބާވަތެއްކަން ފާހަގަކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ، ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރެއްވުމެވެ. ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް އަމިއްލަ ފަރާތަކަށް ހުއްދަ ދިނުމަކީ، މި ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

މިލިޔުމާއި ގުޅޭ