ފިޝަރީޒް މިނިސްޓްރީން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ނ. މާފަރު ބޭރުގައި ގާއިމުކުރި ދޮށީ ކަނދުފައްޗާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް، ނ. ކުޑަފަރީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ގާއިމުކުރާ ކަނދުފަތިތަކަކީ ދަޢުލަތުގެ ބޮޑު ހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ގާއިމުކުރާ ކަނދުފަތިތަކެއްކަމުން، އެ ކަނދުފަތިތަކަށް ސަމާލުވުމަށް އެދޭކަމަށެވެ. އަދި، މާފަރު ބޭރުގައި ގާއިމުކުރި ދޮށީ ކަނދުފައްޗަށް ގެއްލުން ނުދިނުމަށް ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.
މާފަރު ކަނދުފައްޗަކީ ނ. އަތޮޅުގައި ދޮށީ މަސްވެރިކަމަށް ޚާއްސަކޮށް އޮންނަ ހަމަ އެކަނި ކަނދުފައްޗެވެ. މާފަރުގެ އިރުން 8.5 މޭލު ބޭރުގައި ކުރިން އަޅާފައި އޮތް ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު، ފިޝަރީޒް މިނިސްޓްރީންވަނީ، އާ ކަނދުފައްޗެއް އަޅާފަ އެވެ. މިފަހަރު، ދޮށީ ކަނދުފަތި އެޅީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުގަ އެވެ. އެކަނދުފަތީގެ ނަންބަރަކީ، E10D01-02 އެވެ.
ނ. ކެނދިކުޅުދޫގެ އިރު އުތުރުން 5 މޭލު ބޭރުގައި އަދި މަނަދޫގެ ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި 2023 ވަނަ އަހަރު ގާއިމުކޮށްފައި ވެއެވެ. މި ދެ ކަނދުފައްޗަކީވެސް ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ކަނދުފަތިތައް ކަމުގައިވީނަމަވެސް، މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާގުޅިގެން މިކަނދުފަތިތައް ކައިރީގައި ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ. އެހެންނަމަވެސް، ދޮށީ މަސްވެރިކަމަށް ޚާއްސަކޮށް މާފަރު ބޭރުގައި އަޅާފައިވާ ކަނދުފަތި ކައިރީ ފަރުމަސްވެރިކަން، ސްޕޯޓްސް ފިޝިންގ އަދި ޖިގިންގވެސް ނުކުރެވޭނެއެވެ.