މިއަދު ހެނދުނު ހދ ކުޅުދުއްފުށީ އުރަފަށަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި މީހާ މާލެ ގެނެސްފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައި އެމީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ މިރޭގެ އިރުއޮއްސުނު ވަގުތުގައެވެ. މިޔަރު ހަމަލާގައި އެ މީހާގެ ކަނާއަތު ކޮޑުހުޅު ނެއްޓި ބޮޑެތި ޒަޚަމްތަކެއް ލިބުނު ނަމަވެސް ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
”ކެޔޮޅާ“ ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ މިއަދު ހެނދުނު 7 ޖަހަން އުޅެނިކޮށް ހިނގި މިހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާއަށް މިޔަރު ހަމަލާދީފައި ވަނީ، އިތުރު ތިން މީހުންނާއި އެކު މަސްހިފަން މޫދަށް ފައިބައިގެން އުޅެނިކޮށެވެ. މިޔަރު އޭނާއަށް ހަމަލާދިނީ މޫދަށް ފޭބިތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށާއި އޭރު އަތުގައި އެއްވެސް މަހެއްވެސް ނެތް ކަމުގައި މައުލޫމާތު ދިންމީހާ ބުންޏެވެ.
ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވެ އާއްމުންނާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް އެކަމުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މިދިޔަ އަހަރުގެ ޖޫން މަހު، ލ. މާވަށް ކައިރިން ކަނޑަށް ފޭބި ސިފައިންގެ މީހަކަށްވެސް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ނިޔާވެފައި ވެއެވެ.