back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގަވައިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް 470 މިލިޔަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް މަސްވެރިން ވިއްކާ މަހަށް، މަސްކިރާތާ 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް ގާތްގަނޑަކަށް 470 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިން މިފްކޯއަށް މަސްކިރާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާދޫކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި، މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާގޮތައް މިދިޔަ އަހަރުގެ ޑިސެންބަރުމަހު އެވައުދު ތަންފީޒްކުރަން ފެށިފަހުން މިހާތަނަށް މެދުނުކެނޑި ގަވައިދުން ފައިސާދޫކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 470މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުން އޭގެ ރަނގަޅު ނަތީޖާ ފެންނަމުންދާކަމަށެވެ. އެގޮތުން ބަލާއިރު، ކުރިން ބަރާބަރަށް ފައިސާ ނުލިބޭތީ މަސްވެރިކަން ދޫކޮށް އާންމު ވަޒީފާތަކައް ދިޔަ ބައެއް ޒުވާނުން މިހާރު އަނބުރާ މަސްވެރިކަމަށް ނިކުންނަން ފަށާފައިވާކަމަށެވެ.

“ ދޯނިތަކުގެ އެބައުޅޭ މިހާރު ވަރަށް ގިނަ ބޭރުމީހުން. އަޅުގަނޑު ބޭނުންވަނީ ބޭރު މީހުން ބާލާފަ ދިވެހިން އަނބުރާ ދޯންޏަށް ދާން.އެކަން(ފައިސާ ބަރާބަރަށް ދޫކުރާކަންް) އަމިއްލައަށް ގަބޫލްކުރެވޭގޮތްވީމަތާ ދާނީ. ދެން މިހާރު އެބަ ގަބޫލުކުރެވޭ ސަރުކަރުން މި ތައާރަފްކުރި ނިޒާމްގެތެރެއިން އަޅުގަނޑު ވައުދުވީ ގޮތައް ބަރާބަރަށް އެބަ ފައިސާ ލިބޭކަން. ފައިސާ ލިބެންޏާ އަނބުރާދާނެ.“ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓްގައިވެސް ރައީސްވަނީ މިހާރު ކުރިޔަށްގެންދާ އިންތިޒާމުތަކުގެ ތެރެއިން ކުރިޔަށްއޮތްތާނގައިވެސް މަސްވެރިންނަށް މެދުނުކެނޑި ފައިސާ ދޫކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިފްކޯއިން މަސްވެރިންނަށް ދައްކަން ހުރި ދަރަނި ދައްކާ ޚަލާސްކުރުމަށްފަހު، 48ގަޑީއިރުގެތެރޭގައި ފައިސާދޫކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. ފައިސާ ދޫކުރަން ޖެހޭ ދުވަހަކީ ރަސްމީ ނުވަތަ ސަރުކާރު ބަންދުވަހެއް ނަމަވެސް މިފްކޯއިން ދަނީ މަސްވެރިންނަށް ބަރާބަރަށް ގަވައިދުން ފައިސާދޫކުރަމުންނެވެ. ގަވައިދުން ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިކަމަށް ނިކުންނަ އޮޑިފަހަރުގެ އަދަދު އިތުރުވެ މަސްވެރިކަމަށް ނިކުންނަ ޒުވާނުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މިލިޔުމާއި ގުޅޭ