ސްޕޯޓްސް ފިޝިން ޓޫރިޒަމް ޑެސްޓިނޭޝަން އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސްޕޯޓްސް ފިޝިންގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް ”ފްލައި“ ނަވާރޯ ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ފަރާތުން، ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ފްލައި ނަވާރޯ އަކީ، ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ދުނިޔޭގެ 6 ބައްރަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގަލަރެކެވެ. އަދި އޭނާއަކީ، ފްލައި ޒޯން ފިޝިންގެ ބާނީގެ އިތުރުން ދުނިޔޭގެ ހަމައެކަނި ”ބްލޫ މާލިން“ މުބާރާތް، ”ބްލޫ މާލިން ވޯލްޑް ކަޕް“ ގެ ކޯ ކްރިއޭޓަރުގެ ހައިސިއްޔަތުން މީޑިއާ އާއި އިވެންޓް ޕްރޮޑަކްޝަން ގެ ޒަރިއްޔާއިން އެންގަލަރުންގެ ކޮމިއުނިޓީ ބަދަހި ކޮށް ފުޅާކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ މަގުބޫލު އޭންގަލަރެކެވެ. މީގެ އިތުރުން އޭނާއަކީ ތަޖުރިބާއާއި ހުނަރާއި، މަގުބޫލުކަމަށް ބިނާކޮށް، ބައިނަލްއަގުވާމީ އެންގަލަރުންގެ މެދުގައި މަސްވެރިކަމަށް އެންމެ އެކަށޭނަ މަންޒިލްތަކުގެ މެޕް ގައި ދިވެހިރާއްޖޭގެ ނަން ފަވާލުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ޝަޚުޞިއްޔަތު ކަމުގައިވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީއިން، ބުނީ ފްލައި އާއެކު ވެވުނު މި ޕާޓްނަޝިޕަކީ ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޕާޓްނާޝިޕްއާ ބެހޭގޮތުން ފްލައި ބުނީ ރާއްޖޭގެ މާހައުލު މުޅި ދުނިޔެއަށް ދައްކާލުމަށް އެހީތެރިވެދިނުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
”ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލު. އަދި މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް. މި މާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް.“ ފްލައި ނަވާރޯ ބުންޏެވެ.
ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުން ފްލައި ނަވާރޯގެ ސްޓްރެޓެޖިކް މީޑިއާ އައުޓްރީޗް، އިންޓަނޭޝަނަލް ޕާޓްނާޝިޕް އަދި އޮން ދަ ގްރައުންޑް އިނީޝިއޭޓިވްތައް މެދުވެރިކޮށް ކުޅިވަރު މަސްވެރިކަމާއި މެރިޓައިމް ޓޫރިޒަމް އިންޑަސްޓްރީގައި ރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިވދޭނެއެވެ. މިގޮތުން، މި އެމްބެސެޓަރޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ވިޒިޓްމޯލްޑިވްސްއިން ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިންގ މުބާރާތުގައި ނަވާރޯ ބައިވެރިވާނެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެއި 2 ވަނަ ދުވަހުން 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގެލަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ އިތުރުން، ފްލައި ނަވާރޯ ގެ ތަޖުރިބާއާއި މަގުބޫލުކަން މެދުވެރިކޮށް، ދިވެހިރާއްޖެ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ހެދުމަށް އިންޑަސްޓްރީގެ ޕާޓްނަރުންނާއި އެކުވެސް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.