މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ(އެމްއެންޔޫ) އިން ބާއްވަމުން އަންނަ އިލްމީ ފޯވަހި ސިލްސިލާގެ މިއަހަރުގެ ތިން ވަނަ ސެމިނާ މާދަމާ އޮންނާނެކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
އެމްއެންޔޫއިން ބުނީ، މި ފަހަރުގެ ސެމިނާ އިންތިޒާމުކުރަނީ، އެޔުނިވަސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްއިންކަމަށާއި، މިފަހަރުގެ ސެޝަން ޚާއްސަކޮށްފައިވަނީ ކަނޑުދަތުރުފަތުކުރުމުގެ ސިނާއަތުގައި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުންކަމަށެވެ.
އިލްމީ ފޯވަހި އޮންނާނީ މާދަމާ މެންދުރު 01:00 ގައި އެމްއެންޔޫ ބީ ބްލޮލް އޮޑިޓޯރިއަމްގަ އެވެ. ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ ކެޕްޓަން މުހައްމަދު ޒައިދު އާއި މެރިޓައިމް އިންސްްޓްރަކްޓަރ، ކެޕްޓަން އަހްމަދު ޖާބިރުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އައިޝަތު ނީޝާ ޚަލީލެވެ.
ގައުމީ ޔުނިވަސިޓީގެ ފަރާތުން އާންމުކޮށް ހުޅުވާލައިގެން ”އިލްމީ ފޯވަހި“ގެ ނަމުގައި ސިލްސިލާ ސެމިނާތައް ފެށީ 2013ވަނަ އަހަރުއެވެ. މީގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އިލްމީ ބަހުސްތަކަށް ފުޅާދާއިރާއެއްގައި ފުރުސަތު ހުޅުވާލުމާއި، ގައުމީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކޮށް ޚިޔާލު އުފެއްދުމާއި، ޢިލްމު ކުރިއަރުވައި އިލްމީ ހަރަކާތްތަކަށް މުޖުތަމައުގެ ޝައުގުވެރިކަން އިތުރުކުރުވުމެވެ. ސެމިނާތައް ކުރިޔަށްގެންދާ ދައިރާތަކުގެ ތެރޭގައި ތައުލީމު، އިސްލާމީ ޝަރީއާ، ނޫސްވެރިކަން، އިގުތިސާދު، ސިއްހަތު އަދި މެރިޓައިމް ފަދަ ދާއިރާތައް ހިމެނެއެވެ.