އދ އަތޮޅުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ އެއަތޮޅުގައި މުޅިން އަލަށް ގާއިމު ކުރި ކަނދުފައްޗެއް ކަމަށެވެ.
ކަނދުފަތި ގާއިމުކޮށްފައިވަނީ އެއަތޮޅު މަހިބަދޫގެ އިރުން 5.5 މޭލު ބޭރުގަ އެވެ. ކަނދުފަތި ނަންބަރަކީ، I09V01 އެވެ.
މިނިސްޓްރީން ވަނީ މަމަހުގެ ތިން ވަނަ ދުވަހު ށ. އަތޮޅުގައި މުޅިން އަލަށް ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށްގެންވެސް ވަދު ކަނދުފައްޗެއް އަޅާފަ އެވެ. އެ ކަނޑުފަތި އެޅީ ށ. ފުނަދޫގެ އިރުން 4.5 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. ކަނދުފަތީގެ ނަންބަރަކީ D09V01 އެވެ.
އަދި ދާދި ފަހުން ވަނީ ހުޅުމާލެ ސަރަަހައްދުގައިވެސް ވަދު ކަނދުފައްޗެއް ގާއިމުކޮށްފަ އެވެ. އެ ކަނދުފަތި އެޅީ ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގަ އެވެ. މިއީ ހުޅުމާލެ ސަރަަހައްދުގައި މުޅިން އަލަށް އެޅި ކަނޑުފައްޗެކެވެ. ކަނދުފަތި ނަންބަރަކީ H10V01 އެވެ.
ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ވަދު ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ.