ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގައި ޖަޕާނު ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އިޝިގާމީ ރުމިކޯއާ ދެއްވައިފި އެވެ.
އެކަމަނާ މި ޔަގީންކަން ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގައި ޖަޕާނު ސަރުކާރުން ދެމިއޮންނާނެކަމަށާއި، ދިވެހިރާއްޖެއަށް ބޭނުންވާ މަސްވެރިކަމުގެ ތަރައްގީގެ ކޮންމެ ދާއިރާއަކަށްވެސް އެހީތެރިވުމަށް ޖަޕާނުން ތައްޔާރަށް އޮތްކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިޔާމް ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ޖަޕާނު ސަރުކާރުން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު ދަންނަވާފަ އެވެ. ޚާއްސަކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނުން ކޮށްދީފައިވާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ”ޕްރޮޖެކްޓް ފޮރ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް“ އަކީ ޚާއްޞަ ސަމާލުކަމެއް ދެވޭ މުހިންމު ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި އެ މަޝްރޫއުގެ ތަފުސީލުތައް ހިއްސާކުރެއްވި އެވެ. އެގޮތުން، މި ޕްރޮޖެކްޓުގެ ދަށުން މަސްދޯނިތަކުގައި ދިގު މުއްދަތަކަށް އެން ރައްކާކުރެވޭނެ ގޮތަށް އެންވަތް ތަރައްޤީކުރުމުގެ ހަރަކާތްތަކާއި، އަގުއެއްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ރ. މަޑުއްވަރި، ފ. ނިލަންދޫ އަދި މ. ދިއްގަރުގައި ހިންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަފީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަފީރު އިޝިގާމީ ރުމިކޯއާ ރާއްޖެ ވަޑައިގެންނެވީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވަނީ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހު އެވެ.،