މަސްވެރިކަމުގެ ދާއިރާއިން ހަތަރު ގިންތިއަކުން މަހުގެ އުފެއްދުންތައްވެސް ބައިވެރި ކުރެވޭ ގޮތަށް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާގޮތަށް ކުރިން އޮތީ މިއަދަށެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ބައެއް ފަރާތްތަކުން އެދެމުން ދިއުމާއެކު ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމުގައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ވަނީ ބުނެފަ އެވެ.
މި މައުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައިގަނޑު 14 ދާއިރާއަކުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މައުރަޒުގެ ވާދަކުރުމުގެ ބައިގެ ތެރެއިން މަސްވެރިކަމުގެ ދާއިރާއިން 4 ގިންތިއަކުން ކުރިމަތި ލެވޭނެއެވެ. އެއީ، މަހުގެ އުފެއްދުން(އަގުއެއްކޮށްގެން)، މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުން، މަސްވެރިކަމުގެ އާލާތް(މެޝިނަރީޒް/ ޓޫލްސް) އަދި މަސްވެރިކަމުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތި އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި މައުރަޒުގެ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ގުޅާލެވޭނެ ހޮޓްލައިނެއްވެސް ވަނީ ޤާއިމްކޮށްފަ އެވެ. މިހޮޓްލައިންގެ ނަންބަރަކީ، (7283886) އެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިވާނެ ގޮތަށް، އެ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައި ކަމުގައި ބީސީސީ ވަނީ ބުނެފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.