މާލެއިން މުދާ ހިފައިގެން ފުށިފަރަށް ދަތުރުކުރި ދޯންޏެއް ގާފަރު ފަރަށް އަރައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، އެދޯނި ފަރަށް އަރާފައި ވަނީ، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ދޯނީގައި ހުރި މުދާ ސަލާމަތްކުރުމާއި، ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެދޯނި ފަރަށް އަރާފައި ވަނީ، ކ ގާފަރަށް ވަންނަން އުޅެނިކޮށް، ގާފަރުގެ ނެރުކައިރުން ފަރުމައްޗަށެވެ.
މުދާ އުފުލާ މިދޯނި ފަރަށް އެރި އިރު، ދޯނީގެ ކެޕްޓަނާއި ފަޅުވެރިންނާއިއެކު ޖުމުލަ 5 މީހުން އެދޯނީގައި ތިއްބެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.