މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ މަސް ކިރާ ބޯޓެއް މާލެ ސަރަހައްދަށް ގެނެސްފި އެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަހްމަދު ޒާހިރު ވިދާޅުވީ، މާލެ ސަރަހައްދަށް ގެނައީ އެ ކުންފުނީގެ ބޯޓް ރަންދި-20 ކަމަށާއި، މިއަދު ހެނދުނު ހުޅުމާލެ ކައިރީ ވަންނަ ނެރާ ދިމާލުގަ ބޯޓް އަޅާފައިވާކަމަށެެވެ. އަދި މިހާރު މާލެ ސަރަހައްދުން މަސްކިރަން ބޭނުންވާ އޮޑިފަހަރަށް އެއްވެސް ދަތިކަމެއް ނެތި މަސް ކިރުވޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
”އެއީ 36 ޓަނުގެ ޖާގަައިގެ ބޯޓެއް. މިހާރު މަސް ގަންނަން ތައްޔާރުވެފަ މިއޮތީ. ބޯޓް ފުރެންދެން އޮޑިފަހަރަށް މިހާރު މަސްކިރާލެވޭނެ.“ ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ، މީގެކުރިންވެސް މާލެ ސަރަހައްދުގައި ދޭތެރެއަކުން މިފްކޯގެ މަސްކިރާ ބޯޓްތައް ބާއްވަމުން އަންނަކަމަށެވެ. އެހެންނަމަވެސް އޭރު ފައިސާ ދިނުމުގައި ލަސްތަކެއް ހުރުމާއެކު އޮޑިފަހަރުތަކުން ބޯޓަށް މަސް ކިރަމުން އައީ ހުޅުމާލޭގައި ހުންނަ މަސްގަންނަ ކުންފުނިތަކަށް މަސްކިރުމަށްފަހުގައި ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި، އޭރު އެގޮތަށް ދިމާވިނަމަވެސް މިހާރު 48 ގަޑީއިރު ފައިސާ ދެމުންދާތީ މިފަހަރުގެ ތަޖުރިބާ ތަފާތުވާނެކަމަށް ޒާހިރު ގަބޫލުފުޅު ކުރައްވައެވެ.
”ހުޅުމާލޭގަވެސް އެބަހުރި މަސް ގަންނަ ތަންތަން. އެތަންތަނަށް ކިރާފަ ބާކީ ހުންނަ މަސް މިފްކޯ ކެރިއަރަށް މިދެނީ. އޭރު ފައިސާ ނުލިބޭތީ މަސްވެރިން މިފްކޯ ބޯޓަށް މަސް ނުކިރަނީ. މިހާރު 48ގަޑީއިރުން ބަރާބަރަށް ފައިސާ ދޭން ފެށީމަ ތަފާތުވާނެކަމަށް މިބަލަނީ. މަސްވެރިންގެ ތަރުހީބު ލިބޭނެކަމަށް އުންމީދުކުރަން.“ ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ، މަސްވެރިންގެ ފަރާތުން ތަރުހީބު ލިބޭނަމަ، މާލެ ސަރަހައްދުގައި ދާއިމީގޮތެއްގައި މަސްކިރާ ބޯޓެއް ބާއްވާނެކަމަށެވެ.
މާލެ ސަރަހައްދުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވަން ޖެހޭ: ކެޔޮޅު އައްދު
މިފްކޯއިން މާލެ ސަރަހައްދަށް މަސްކިރާ ބޯޓެއް ގެނެސްފައި މިވަނީ މާލެ އަތޮޅު ކެޔޮޅުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށްނެވެ.