back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާމެންދޫ އައިސްޕްލާންޓް ކޮރަޕްޝަން މައްސަލަ: ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި ޕީޖީއަަށް

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ތުހުމަތުކޮށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދާއި އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އައިސް ޕްލާންޓް ގަތުމަށް ހިންގި މުއާމަލާތްތަކުގައި ޚިޔާނާތުގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހްގީގުކުރުމަށްފަހު އޭސީސީން މި ދެމީހުންގެ މައްޗަށް ޖުމްލަ ދެ ކުށެއްގެ ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވެއެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް ޢަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ގަންނަން ފެނަކައިން ނިންމީ 2023 ވަނަ އަހަރުގެ ބޭއްވި އެކުންފުނީގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުން އައިސް ޕްލާންޓް ގަންނަން ނިންމީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، ”އިންޓަރނަލް ރޭޓް އޮފް ރިޓާން“ އަދި ”ނެޓް ޕްރެޒެންޓް ވެލިއު“ ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި، ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަޙްމަދު ސަޢީދު މުޙައްމަދު ބޯޑު މެންބަރުންނަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް އޭސީސީން ތުހުމަތުކޮށްފައި ވެއެވެ. މިގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ބުނެ ސައީދު ދޮގު މަޢުލޫމާތު ދީފައިވާކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.

މި މައްސަލައިގައި ދައުވާކުރަން ފޮނުވި މަސްއޫދާ ބެހޭގޮތުން އޭސީސީން ބުނެފައިވަނީ އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި އޭނާ ހުށަހެޅި އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާކަމަށެވެ. އަދި، އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަމާއި، އޮޅުވާލާފައިވާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ