ށ. ބޮޑުހުރާ ބޭރުގައި ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމަކުން މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މިއަދު ވަނީ ބޮޑުހުރާ ވަދު ކަނދުފަތި، އެރަށުގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ޤާއިމްކޮށްފަ އެވެ، އެ ވަދު ކަނދުފަތި ނަންބަރަކީ، D08V01 އެވެ.
މިއީ މި ސަރުކާރު އައިފަހުން ށ. އަތޮޅުގައި އެޅި ދެވަނަ ވަދު ކަނދުފައްޗެވެ. ކުރިން ކަނދުފަތި އެޅީ އެ އަތޮޅު ފުނަދޫގެ އިރުން 4.5 މޭލު ބޭރުގައެވެ. އެ ކަނދުފަތީގެ ނަންބަރަކީ، D09V01 އެވެ.
ށ. އަތޮޅުގައި 3 ދޮށީ ކަނދުފަތިވެސް އޮވެއެވެ. އެއީ، ފުނަދޫގެ އިރު އުތުރުން 11.5 މޭލު ބޭރުގައި އޮންނަ ކަނދުފައްޗާއި، ކޮމަންޑޫގެ ހުޅަނގުއުތުރުން 14 މޭލު ބޭރުގައި އަދި ކޮމަންޑޫގެ ހުޅަނގު ދެކުނުން 23 މޭލު ބޭރުގައި އޮންނަ 2 ކަނދުފައްޗެވެ.