ނައިފަރު މަސްމާރުކޭޓްގެ ދެކުނުފަޅީގައިވާ ގޮޅިތައް ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ނައިފަރު ކައުންސިލުން ބުނީ، އެރަށު މަސްމާރުކޭޓްގެ ދެކުނުފަޅީގައިވާ 4 ގޮޅިއެއް 2 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާކަމަށާއި، އެ ގޮޅިތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 9 ވަނަ ދުވަހު ހުޅުވާލާފައިވާކަމަށެވެ. ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކައުންސިލުން ކަމާގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީވުމަށް ކައުންސިލުން އެދިފައި ވެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުންޏެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޭޕްރިލް ވާ އާދީއްތަދުވަހުގެ 13:00 އެވެ. ބީލަން ހުޅުވަން ނިންމާފައިވަނީވެސް އެދުވަހު 13:00 ގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި، ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ޕާޓްނާރޝިޕެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުނ،ް ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ބީލަމުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނަށާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށްވެސް މިބީލަމަށް ކުރިމަތިލެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މި ބީލަމުގެ ދަށުން ކުއްޔަށްދޭނީ މަސްމާރުކޭޓްގެ ދެކުނު ފަޅީގައި ވާ މަސްމާރުކޭޓްގެ ގޮޅި ނަންބަރު ،2 ،3 ،5 އަދި 6 ކަމަށާއި، ކޮންމެ ގޮޅިއަކަށްވެސް ބިޑް ހުށަހެޅޭނެ އެންމެ ކުޑައަގަކީ ތިންސަތޭކަ ފަންސާސް ރުފިޔާކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބީލަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނ،ީ ބީލަން ވަޒަންކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.