ކ. ތުލުސްދޫ ބަނދަރުތެރޭގައި ބޭނުންނުކޮށް އަޅާފައި ނުވަތަ ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފި އެވެ.
ތުލުސްދޫ ކައުންސިލުން ބުނީ، އެރަށުގެ ބަނދަރުތެރޭގައި ބޭނުންނުކޮށް އަޅާފައި އަދި އަޑިއަށްގޮސްފައިވާ އުޅަނދުފަހަރުގެ ވެރިފަތާތްތަކުން އެ އުޅަނދުފަހަރު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެސަރަޙައްދުން ނެގުމަށް އަންގައި އާންމުކޮށް މިހާރު އިއުލާނުކޮށްފައިވާކަމަށެވެ.
މި މުއްދަތުގެތޭރޭގައި ވެރިފަރާތުން އުޅަނދުފަހަރު ނުނަގައިފިނަމަ އެތަކެތި ނަގާނެކަމަށާއި، އެތަކެތި ނެގުމުގެ ތެރޭގައި ލިބޭގެއްލުމަށް ކައުންސިލުން ޒިންމާނުވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ތުލުސްދޫ ބަނދަރަކީ، އައިޑީބީ ލޯނު އެހީގެދަށުން ހަދަައި، 2018ވަނަ އަހަރު ރަސްމީކޮށް ހުޅުވައި ބޭނުންކުރަންފަށާފައިވާ ބަނދަރެކެވެ. އެއީ 800 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ. ތުލުސްދޫ ކައުންސިލުން މިހާރުދަނީ ބަނދަރުގެ މަގަތުގައި ފާލަމެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.