މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރަން ފ. ނިލަންދޫ ކައުންސިލުން ނިންމައިފި އެވެ.
ނިލަންދޫ ކައުންސިލުން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އެރަށު އުުތުރު ފަރާތު ނިކަގަސްމަގުގެ އިރުން ޗާންދަނީ މަގުގެ ދެކުނަށް އޮތް ސަރަޙައްދުން 1500 އަކަފޫޓުގެ 05 ބިމެވެ. ބިން ކުއްޔަށް ދެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 10 ލާރި ކަމަށާއި ބިންތައް ކުއްޔަށް ދޭނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ކައުންސިލުން ނިންމާފައި ވެއެވެ.
ނިލަންދޫ ކައުންސިލުން ބުނީ ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ގޮސް މަޢުލޫމާތު ސާފު ކުރުމަށްފަހު، އެޕްރީލް 29 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އެއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށްކަމަށާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ އެއިދާރާގެ ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑު ކުރެވޭނެކަމަށް ކައުންސިލުން ބުންޏެވެ.