ނ. މާފަރު ބޭރުގައި ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ނ. މާފަރު ދޮށީ ކަނދުފަތި، އެރަށު އިރުން 9.5 މޭލު ބޭރުގައި މިއަދު ގާއިމުކޮށްފައިވާ ކަމަށެވެ.
މާފަރުގައި އެޅި ދޮށީ ކަނދުފަތި ނަންބަރަކީ، E10D01-02 އެވެ. މާފަރު ކަނދުފައްޗަކީ ނ. އަތޮޅުގައި ދޮށީ މަސްވެރިކަމަށް ޚާއްސަކޮށް އޮންނަ ހަމަ އެކަނި ކަނދުފައްޗެވެ. މިއަދު މާފަރު ބޭރުގައި އެޅި މިކަނދު ފައްޗަކީ ކުރިން ބޭނުންކުރަމުން އައި ކަނދުފަތީގެ ބަދަލުގައި އެޅި ކަނދުފައްޗެކެވެ. ކުރީގެ ކަނދުފަތި އޮތީ އިރުން 8.5 މޭލު ބޭރުގައެވެ.
ނ. އަތޮޅުގައި 2023ވަނަ އަހަރު ވަދު ކަނދުފަތި ނުވަތަ ސްޕޯޓްސް ފިޝިންގއަށް ޚާއްސަ 2 ކަނދުފަތި ގާއިމުކޮށްފައި ވެއެވެ. އެއީ، ކެނދިކުޅުދޫގެ އިރު އުތުރުން 5 މޭލު ބޭރުގައި އަދި މަނަދޫގެ ދެކުނުން 5 މޭލު ބޭރުގައި އޮންނަ 2 ކަނދުފައްޗެވެ. މި ދެ ކަނދުފައްޗަކީ، ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ކަނދުފަތިތައް ކަމުގައިވީނަމަވެސް، މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާގުޅިގެން މިކަނދުފަތިތައް ކައިރީގައިވެސް ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ.