back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ”މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް“ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައިފި އެވެ.

އެކަން އިޢުލާނުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ ދެންނެވުމުގައިވާގޮތުންނަމަ، ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ”މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު“ގެ ނަމުގައި އިއްޔެ އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ. އަދި، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔާ ސިޓީގައި ޖަހާނީ 501 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑައަޅުއްވާފައިވާކަމަށް އެ ދެންނެވުމުގައި ވެއެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެެ އޮފީހުގެ ދެންނެވުމުގައިވެއެވެ.

މި ބޯޑުން ކުރިއަށް ގެންދާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި، ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. އަދި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކުރުމާއި، ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުމުގެ އިތުރުން، ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި، ރިޕޯޓުތައް ޝާއިޢުކުރުން ހިމެނެއެވެ.

 

މިލިޔުމާއި ގުޅޭ