ފާނަ ވިއްސައި އާލާކުރަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހުނަރުތައް ދަސްކޮށްދޭގޮތައް ފަރުމާކޮށްފައިވާ ކޯހެއް ފަށަން ފިޝަރީޒް މިނިސްޓްރީން ތައްޔާރުވަމުން އެބަދެއެވެ.
ފިޝަރީޒް މިނިސްޓްރީގެ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މިއަހަރު ކުރިޔަށްގެންދަން ނިންމާފައިވާ ބޭސިކް މެރިކަލްޗަރ ކޯހުގައި، ފާނަ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމާއި، ދިރޭ ކާނާއާލާކުރުމާއި، މާގަނޑު މަސްވިއްސައި އާލާކޮށް ބޮޑެތިކުރުމާއި، އިތާމުތް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ނިންމާފައި ވެއެވެ.
26 އޭޕްރިލްއިން 8 މެއިގެ ނިޔަލަށް ކުރިޔަށްގެންދަން ނިންމާފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުންނަމަ 15 އޭޕްރިލް 2025 ވަނަ ދުވަހުގެ 14.00ގެ ކުރިން ކޯހުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއަކާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެންޖެހެއެވެ. ފޯމު [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ.
ކޯހުން ޖާގަލިބެނީ 15 ފަރާތަކަށެވެ. އެހެންކަމުން ކޯހުގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވަނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް މިނިސްޓްރީން ބުންޏެވެ. 14 ދުވަހުގެ މި ކޯހުގެ ކިޔެވުން ކުރިޔަށްގެންދަނީ ކ. މާނިޔާފުށީގައި ކަމަށްވުމާއެކު، ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީވެސް ކ. މަނިޔަފުށީގައެވެ. އަދި، ކޯހުގެ ބޭނުމަށް މާލެއާ މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނީ މެރިން ރިސަރޗް އިންސްޓިޓިއުޓުންނެވެ.