”ޖޮއިންޓް ޑެކްލަރޭޝަން: ޕްލެޖް ޓު އެޑްވާންސް އޯޝަން އެކައުންޓްސް ބައި 2030“ ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.
ރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކުރީ، ގްލޯބަލް އޯޝަން އެކައުންޓްސް ޕާޓްނަރޝިޕް (ޖީއޯއޭޕީ) އިން އިންތިޒާމްކޮށްގެން މިމަހުގެ 24-27 އަށް، ކޮސްޓަރީކާގައި ބޭއްވި ”އޯޝަން އެކައުންޓްސް އެކްސްޗޭންޖް: ބިލްޑިންގ އަ ބްލޫޕްރިންޓް ފޯ އެކްޝަން“ ޖަލްސާގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ ހައްސާންއެވެ.
ރާއްޖޭގެ އިތުރުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޯސްޓަރީކާ، ކެނެޑާ، އެންޓިގުއާ އެންޑް ބާބިއުޑާ، މެކްސިކޯ، ފިޖީ، ވިއެޓްނާމް އަދި ޓޯގޯ އިންނެވެ. އަންނަ ޖޫންމަހު ފްރާންސްގައި އޮންނަ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް-3 އާ ހަމަޔަށް މި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ކަނޑުގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުގެ އިޤްތިޞާދީ އަދި ތިމާވެށީގެ އަގު ވަޒަންކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެވުނީއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ކަނޑުގެ މުއްސަނދިކަން ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، އެ ވަސީލަތްތަކުގެ އަގު ވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެެވެ. އަދި މިކަމުން ރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް ކަނޑުގެ ވަސީލަތްތަކާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.