ރޯދައިގެ ކުރިން މަސްވެރިންގެ ހުރިހާ ބިލުތަކަށް ފައިސާދައްކަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތްކަން ފާހަގަކުރައްވައި، މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވި އެވެ.
”ރޯދަ މަސް އަންނަންވާ އިރަށް މި ބަލަނީ ކޮންމެވެސް ކަހަލަ ފައިނޭންސިން މެކޭނިޒަމްއެއްގެ ތެރެއިން، އެ މަސައްކަތް ކުރަން އެބަ މިހާރު. ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ކުންފުންޏަކާ މަސައްކަތްކޮށްގެން ހަމަޖެހިފައި އޮންނަ ގާނޫނީ އުސޫލުގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ ފައިސާ ހަމަޖައްސަން. މިއީ ވައުދެއް ނޫން. މަސައްކަތް އެބަ ކުރަން މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ނިންމޭތޯ،“
ރައީސް ވިދާޅުވީ ފައިސާ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތްކަމަށާއި އެކަން ހަމަޖެހުމުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ރޯދައިގެ ކުރިން ދެވޭނެ ކަމަށެވެ. އަދި، މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށް ވިދާޅުވި އެވެ.
”ދެން އެ ހިސާބުން ދެން ބަލާނީ އަޅުގަނޑު ވައުދު ވި ގޮތަށް ސާޅީސް އަށްގަޑިރު ތެރޭގައި ފައިސާ ދިނުން. އެ ހިސާބަށް ނުދެވިގެން މި އުޅެނީ ބެކް ލޮގްގައި މުޅިން މި އުޅެން ޖެހެނީ. އަޅުގަނޑު މީ ވައުދުވެފައި ވަައުދު އޮޅުވާލާ ދޮގު ހަދާނެ މީހެއް ނޫން.“ ރައީސް ވިދާޅުވި އެވެ.
މިފްކޯއިން މަސްވެރިން އަތުން މަސްގަނެ، ބިލު ނުދައްކާ ހުރި ފައިސާގެ ތެރެއިން ބައެއް މިހާރުވަނީ ދައްކާފަ އެވެ. ”ބެކްލޮގް“ ގެ ބާކީ ބިލުތަކަށް ވާ ފައިސާ އަންގާރަދުވަހުގެ ކުރިން ދައްކާނެކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. އަދި މިހާރު ކިރަމުންދާ މަހަށްވެސް މިހާރުވެސް ދެމުން އަންނަނީ ބިލުތަކެކެވެ. އެބިލުތަކަށްވެސް ހަފުތާއިން ހަފުތާއަށް ފައިސާ ދައްކާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމަކީ ޑރ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.