ގއ. ގެމެނަފުށީ އައިސް ޕްލާންޓްގެ ޚިދުމަތް މެދުކަނޑާލާފައިވަނީ އެތަނުން އެމޯނިއާ ’ލީކް‘ ވުމާއި ގުޅިގެން ކަމަށް އެތަން އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯގެ ފިޝް ކަލެކްޝަންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާހިރު ވިދާޅުވީ، ގެމަނަފުށީ އައިސް ޕްލާންޓުން އެމޯނިއާ ލީކްވުމާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދީގެން އެތަން ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށެވެ. އަދި އެކަން ހިނގައިދިޔަގޮތުގެ ފުރިހަމަ ތަހްގީގެއް ކުރިޔަށްގެންދާއިރު، އެތަން މަރާމާތުކުރުމުގެ މަސައްކަތްވެސް މިފްކޯގެ އިންޖިނިއަރުން ކުރިޔަށް ގެންދާކަމަށްވެސް ޒާހިރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެތަން އަލުން އޮޕަރޭޝަނަށް ގެނެވޭނެ ދުވަހެއް ޒާހިރު ވިދާޅެއް ނުވެއެވެ.
އިންޑިއާގެ އެހީގައި ގެމަނަފުށީގައި އަލަށް ގާއިމްކުރި މި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ޚިދުމަތް ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެތަން ހުޅުވި ދުވަހު އައިސް އުފައްދާ މަސްވެރިންނަށް ހިލޭ އައިސް ބެހިއެވެ. އެހެންނަމަވެސް ޚިދުމަތް ދޭން ފެށިތާ އެއްދުވަސްފަހުން އެތަން ވަނީ ބަންދުކޮށްފަ އެވެ.
ގެމަނަފުށީ އައިސް ޕްލާންޓަކީ، ދުވާލެއްގެ މައްޗަށް 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭ އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭ މިންވަރަށް ތަރައްގީކޮށްފައިވާ އައިސް ޕްލާންޓެކެވެ.