މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކޮށް ހިންގުމަަށް ކޮލަމާފުށިން ބިމެއް ހަމަޖައްސައިފި އެވެ.
އެމްއެންޔޫއާއި ކޮލަމާފުށި ކައުންސިލާ ދެމެދު ކުރިޔަށްދިޔަ މަޝްވަރާތަކުގެ އަލީގައި ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރު އަޅަން ކޮލަމާފުށި ކައުންސިލުން ހަމަޖައްސާދީފައި ވަނީ 15،000 އަކަފޫޓް ބިމެކެވެ. މި ބިން އެމްއެންޔޫއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
މިކަމަށް ޚާއްސަކޮށްގެންް އިއްޔެ އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮލަމާފުށީ ކައުންސިލުގެ ފަރާތުން އެބަސްވުމުގައި ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދެވެ. އަދި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫއިން ބުނީ، މި ސެންޓަރު ވެެގެންދާނީ މަސްވެރިކަމުގެ ތައުލީމާއި، ދިރާސާތަކާއި، ދެމެހެއްޓެނިވި ކަނޑުގެ ތަރައްގީ ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ މުހިންމު މަރުކަޒަކަށްކަމަށެވެ. އަދި އެތަނުގައި މަސްވެރިކަމާއި ކަނޑާއި ތިމާވެށީގެ ރޮނގުން ދިރާސާ ކުރާ ފަރާތްތަކަށް ފުުރުސަތު ހުޅުވިގެންދާއިރު، އޭގެ ސަބަބުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ރޮނގުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމްއެންޔޫއިން ބުންޏެވެ.
ގއ . ކޮލަމާފުށި ނިސްބަތްވާ ހުވަދުއަތޮޅަކީ ރާއްޖޭގެ ދޮށީ މަސްވެރިކަމުގެ މަރުކަޒެވެ. އެ ސަރަަހައްދުގައި މި ސެންޓަރު ގާއިމުވެގެން ދިއުމަކީ، މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ގިނަ ބަޔަކަށް މަސްވެރިކަމާއި ކަނޑާއި ތިމާވެށީގެ ރޮނގުން ދިރާސާކުރުމުގެ ފުރުސަތު ލިބި، އަމަލީ ތަޖުރިބާ ހޯދަން ލިބޭ ރަނގަޅު ފުުރުސަތަކަށް ވެގެންދާނެއެވެ. އަދި، މިއީ އެ އަތޮޅަށާއި މުޅި ރާއްޖެ ހިމެނޭހެން މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫއެކެވެ.