ބަންޑުންޖަހާލާފައިވާ ދޯންޏެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑިއެފްއިން ރޭ ބުނެފައިވަނީ، މާލެއިން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުން ދަނިކޮށް އެ ދޯނި ބަންޑުންޖަހާލާފައިވަނީ ވައްމާފުށީގެ އުތުރުން 0.33 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި، ދޯނި ބަންޑުން ޖަހާލިއިރު، ދޯނީގައި ތިބި 3 މީހުން ފަތާފައިގޮސް މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީ އަކަށް އެރިކަމަށާއި، އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައި ވެއެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައި ވެއެވެ.