މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުންދިނުމަށް ޝައުގުވެރިވާކަމަށް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ރިޓާޔަޑް ފައިސަލް ރަސޫލް ލޯދީ ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދައިން ބަޔާންކުރައްވާފައިވަނީ، މިއަދު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެެއްގައެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި ސަފީރުވަނީ ޕާކިސްތާނުގެ މަސްވެރިކަމުގެ ދާއިރާގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ޕާކިސްތާނުން އެއްބާރުލުންދިނުމަށް ޝައުގުވެރިވާކަން ފާޅުކުރެއްވި އެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި، މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކު މައުލޫމާތު ޕާކިސްތާން ސަފީރާ ހިއްސާކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީއާ ހައިކޮމިޝަންގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންްވި އެވެ.