މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ މެނޭޖުމެންޓު ޕާރފޯމަންސް މުރާޖައާކޮށް، 3 ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
މިފްކޯއިން ބުނިގޮތުގައި މި ނިންމުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާހީ އެޖެންޑާގެ ދަށުން އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފަށާފައިވާ އެފިޝިއެންސީ އެކްސަސައިޒްގެ ދަށުން މެނޭޖްމެންޓް ޕާރފޮމެންސް މުރާޖައާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
”މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންދަމުން. މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން.“ މިފްކޯއިން ބުނެފައި ވެއެވެ.
އެސްއޯއީ ރިފޯމް ކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ތަންފީޒް ކުރުމަށް މިފްކޯއިން އެފިޝިއެންސީ އެކްސަސައިޒެއް ފެށީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މިފްކޯގެ މެނޭޖުމެންޓާއި އޮޕަރޭޝަނަލް މުވައްޒަފުން ހިމެނޭގޮތަށް ކުރިޔަށްގެންދާ މި އެކްސަސައިޒްގައި އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، އިސްރާފު ކުޑަ، ފެންވަރު ރަނގަޅު ހިދުމަތް ދެވޭނެ އައު ގޮތްތަކާއިމެދު ގްރޫޕު މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ކުންފުނީގެ ”އިމޭޖު“ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ މަސައްކަތްތައް ތަރުތީބު ކުރާނެ އައު ގޮތްތަކާއި، ރިކަރަންޓު ހަރަދުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން މުސާރައާއި، ތެލާއި އެހެނިހެން ހިންގުމުގެ ހަރަދުގެ ތެރޭގައި ކުންފުންޏަށް ގެއްލުންވާ ގޮތްތައް ބަލައި، އެކަންކަމަށް ދާއިމީ ހައްލު ގެންނާނެގޮތްތަކާއި މެދު މަޝްވަރާކޮށްފައި ވެއެވެ. ވަކިން ހާއްސަކޮށް ކުންފުނީގެ ޕްރޮކިއުމެންޓް ފަންކްޝަން މިހާރު އޮތް ގޮތާއި ބަލްކް ޕްރޮކިއުމެންޓް ނިޒާމް ހިނގާ ގޮތާއި، އެ ނިޒާމުގައި ހުރި ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް މަޝްވަރާކޮށް ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
މިއަދު 3 މެނޭޖަރުން ވަކިކޮށްފައި މިވަނީ މި އެކްސަސައިޒްގެ ނިންމުންތަކުގެ ތެރެއިންނެވެ. މިއަދު ވަކި ކުރި މެނޭޖަރުންގެ ނަންތައް މިފްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.