back to top
30 C
Malé
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފެނަކައިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް މިފްކޯއަށް!

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އައި އައިސް ޕްލާންޓްތަކެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މިފްކޯ އަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިފްކޯއިން އޭރު ހިންގަމުން ދިޔަ 14 އައިސް ޕްލާންޓެއްގެ ހިންގުން ފެނަކަ ކުންފުންޏާ ހަވާލުކުރީ 22 ސެޕްޓެމްބަރ 2022 ގައެވެ. ފެނަކައާ އޭރު ހަވާލުކުރީ އައްޑޫ ސިޓީ ހިތަދޫ، ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފިޔޯރީ އަދި ގދ. ފަރެސްމާތޮޑާ އައިސްޕްލާންޓެވެ.

މި އައިސް ޕްލާންޓްތަކުގެ ހިންގުން އަނެއްކާވެސް މިފްކޯއާ ހަވާލުކޮށްފައިމިވަނީ، އައިސް ޕްލާންޓް ހިންގުމަކީ ފެނަކައަށް ގެއްލުން ބޮޑު އޮޕަރޭޝަނެއް ކަމަށް ބުނެ އައިސް ޕްލާންޓް ހިންގުމުގެ ޚިދުމަތް ހުއްޓާލުމަށް މިދިޔަ އަހަރުގެ އޯގަސްޓްމަހު ފެނަކައިން ނިންމުމާ ގުޅިގެންނެވެ. އެނިންމުމާ ގުޅިގެން ފެނަކައާއި، ފިޝަރީޒް މިނިސްޓްރީއާ މިފްކޯއާ ގުޅިގެން މިދިޔަ މުއްދަތުގައި ކުރަމުންދިޔައީ، އެ ތަންތަން އެސެސް ކުރުމާއި، މުދާ ބަދަލުކުރުމާއި، އަދި އެތަންތަނުގައި ތިބި މުވައްޒަފުންނާމެދު އަމަލުކުރާނެގޮތްތަކެއް ނިންމުމުގެ މަސައްކަތެވެ.

އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލުކުރުމަށް ކުރެވުނު މަޝްވަރާތަކާއި އަދި ކުރިޔަށް ގެންދިޔަ އެކި މަރުހަލާގެ މަސައްކަތްތައް ނިންމުމަށްފަހު މިއަދު ވަނީ ރަސްމީކޮށް މިފްކޯއާ 14 އައިސް ޕްލާންޓް އަނބުރާ ހަވާލުކޮށްފަ އެވެ. އެކަމަށްޓަކައި މިއަދު ފެނަކައިގަ ބޭއްވި ރަސްމިއްޔާތުގައި އައިސް ޕްލާންޓް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ދެކުންފުނިންވަނީ ސޮއިކޮށްކޮށްފަ އެވެ. މިފްކޯގެ ފަރާތުން އެ އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ ވިތާލީ ލުބިމޯފް ސޮއިކޮށްފައިވާއިރު ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހަމައްދު ނަޖާހް އެވެ.

މިފްކޯއާ އައިސް ޕްލާންޓް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި މިފްކޯއާ ފެނަކައިގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ. އައިސް ޕްލާންޓްތަކާ ރަސްމީކޮށް ހަވާލުވުމަށްފަހު މިފްކޯއިން މިއަދު ބުނީ، ފުރަތަމަ މަރުހަލާގައި އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމުތައް ހަރަކާތްތެރިވާނީ ހުރިހާ ޕްލާންޓްތަކެއްވެސް ފުރިހަމަ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތްކަމަށެވެ. އަދި، މި ބަދަލަކީ މިފްކޯގެ ޚިދުމަތުގެ ޤާބިލުކަން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަން ފާހަގަކޮށް، އައިސް ޕްލާންޓްތައް ބަދަލުކުރުމުގެ މަރުހަލާތައް އޮމާންކަމާއެކު ކުރިޔަށްގެންދިއުމަށް ހުރިހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މިފްކޯއިން މިއަދު ހަވާލުވި ގިނަ އައިސް ޕްލާންޓްތައް ހުރީ އޮޕަރޭޝަން ހުއްޓިފައެވެ. މިއީ، ފެނަކައިގަ އައިސް ޕްލާންޓް ހިންގުމުގެ ގާބިލުކަން ނެތުމާއި ފެނަކައިގެ ކުރީގެ މެނޭޖްމެންޓުން އައިސް ޕްލާންޓްގެ ޚިދުމަތަށް ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ. ތިން އައިސް ޕްލާންޓެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި، 8 އައިސް ޕްލާންޓެއްގެ އިންޖީނެއް ނެތެެވެ. މި އިންޖީނުތަކަށް ވީ ކިހިނެއްކަމެއްވެސް އިނގޭކަށް ނެތެވެ. ބައެއް އައިސް ޕްލާންޓްތަކުގެ އިމާރާތްތައް ވީރާނާވެ އެތެރޭގެ އިންޓީރިއަރވެސް، އަދި އޮޕަރޭޝަނަށް ބޭނުންކުރާ މައި ސިސްޓަމްތަކަށްވެސް މެއިންޓެއިން ނުކުރުމުގެ ސަބަބުން ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ކޮންމެއަކަސް އައިސް ޕްލާންޓްތަކަށް މިހާރު ލިބިފައި ހުރި ގެއްލުންތައް ދެނެގަނެ އެ މަރާމާތުކޮށް، ނެތް ސާމާނު ހޯދުމަކީ، މިފްކޯއަށް ބޮޑު ގޮންޖެހުމަކަށްވާނެއެވެ. އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ ކަމާ ގުޅުން ހުރި އިދާރާތަކުގެ އެހީއާއެކު މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް މި އައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ލުއި ފަސޭހަގޮތެއްގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް މިފްކޯއިން ބުންޏެވެ.

 

 

މިލިޔުމާއި ގުޅޭ