back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކޫއްޑޫއަށް މަސްކިރަން ކިއު ނަންބަރު ދޫކޮށްފަ ހުރި އޮޑިފަހަަރަށް އާދީއްތަ ދުވަހުގެ ނިޔަލަށް މަސްކިރާ ނިންމާލެވޭނެ: މިފްކޯ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އަށް މަސްކިރަން މިހާތަނަށް ކިއު ނަންބަރު ދޫކޮށްފައި ހުރި އޮޑިފަހަރަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މަސްކިރާ ނިންމާލެވޭނެކަމަށް، އެތަން ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.

ކޫއްޑޫއަށް މަސް ކިރަން ދޫކުރާ ކިއު ނަންބަރު ދިގުލައިގެންދާ މައްސަލައިގައި މިފްކޯއިން މިއަދު ބުނީ، ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސްކިރާ އޮޑިފަހަރުގެ ކިއުލައިން ދިގުވެގެން ދިޔަނަމަވެސް މިހާތަނަށް ގިނަ އަދަދެއްގެ ދޯނި ކަވަރުވެފައިވާކަމަށެވެ. އަދި މިހާރު ދޫކުރެވިފައި ހުރި ކިއު ނަންބަރުތަކުގެ ތާރީޚް އަލުން ތަރުތީބުކުރެވިފައިވާކަމަށާއި، މިހާރު ދޫކޮށްފައިވާ ކިއު ނަންބަރުތައް އަންނަ ހޮނިހިރު ދުވަހާ އާދީއްތަ ދުވަހެއްގެ ބައެއްގައި ނިންމާލެވޭނެެކަމަށް މިފްކޯއިން ބުންޏެވެ.

”އަންނަ ހޮނިހިރު ދުވަހުން ފަށައިގެން މިހާރު ދޫކުރެވިފައިވާ ކިއު ތަރުތީބާ އެއްގޮތަށް ބާކީހުރި ދޯނިފަހަރުގެ ކިއު ޑޭޓް ތަރުތީބުވެގެންދާނެ ވާހަކަ މަސްވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަން.“ މިފްކޯ ފިޝް ކަލެކްޝަން ސެކްޝަނުން ބުނެފައި ވެއެވެ.

މިފްކޯއިން ބުނީ، ކިއު ދިގުލައިގެން ދިޔަނަމަވެސް، ކޫއްޑޫއަށް މަސްކިރާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. އެގޮތުން ކޫއްޑޫގެ މެކްސިމަމް ކެޕޭސިޓީއާ އެއްވަރަށް ކޮންމެ ދުވަހަކުވެސް މަސް ކިރަމުންދާނެކަމަށް މިފްކޯއިން ބުންޏެވެ. އަދި، މަސްވެރިން ގިނަ ވަގުތު ކިއުގައި ހޭދަކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް ހުވަދޫ އަތޮޅުގައި މަސް ކިރާ ޕޮއިންޓްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިފްކޯއިން ބުންޏެވެ.

”މަސްވެރިންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ގިނަ ވަގުތު ކިއުގަ މަޑުކުރުން. މިކަމަށް ލުޔެއް ހޯދަން އަދި މެކްސިމަމް ކެޕޭސިޓީގަ ލިމިޓެއް ނެތި މަސްކިރޭނެ އިންތިޒާމު ހަމަ ޖައްސަން ކޫއްޑޫގެ މުވައްޒަފުން ގާތްގަނޑަކަށް ނުނިދައި ހުރިހައި މުވައްޒަފުންވެސް މި ސިޗުއޭޝަންގަ މަސައްކަތްކުރަމުން މިދަނީ. ހުވަދޫގަ ކަލެކްޓިންގ ޕޮއިންޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށް. އޭރުން ބާރުގަނޑު ދާނީ ލުއިވަމުން. “ މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނިގޮތުގައި މިވަގުތު ހުވަދު އަތޮޅުގައި އެކުންފުނީގެ 5 ބޯޓެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އެެހެންކަމުން ކޫއްޑޫގެ އިތުރަށް، މަސްވެރިންނަށް އެ ބޯޓްތަކަށް މި ދުވަސްވަރު މަސް ކިރާލެވޭނެއެވެ.

ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ކޫއްޑޫއަށް ބާރުބޮޑުވެއެވެ. އެއީ، އޮޑި ފަހަރުން މަސްބާނާ އަދަދާ އެއްވަރަށް މަސް ގަނެވޭވަރަށް އެތަނުގެ ކެޕޭސިޓީ ނެތުމުންނެވެ. ކޫއްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް ލަފާކޮށްފައި ވެއެވެ. އެހެންކަމުން މިއަހަރަކީ މަސް ކިރަން ކޫއްޑޫގައި މަސްވެރިން ދިގު ކިއުއަށް އަރަންޖެހޭ އެންމެ ފަހު އަހަރުކަމަށް ސަރުކާރުން ބުނެއެވެ.

މިލިޔުމާއި ގުޅޭ