ފިޝަރީޒް މިނިސްޓަރު، އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރަން އެޖެންޑާކޮށްފި އެވެ.
މާދަމާ އޮންނަ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާއަށް މިނިސްޓަރު ޝިޔާމް ހާޒިރުކުރަން އެޖެންޑާކޮށްފައިވަނީ، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބުދާރީ ކުރުވުމަށެވެ.
މެންބަރުގެ ހުށަހެޅުމުގައި، މުޅި ދިރިއުޅުން މަސްވެރިކަމުގެ މައްޗަށް ބިނާވެފައިވާ ކަނޑުމަހާއި، ލައްޓި އަދި ރާގޮނޑި ހިކި ކަނޑުމަހުގެގޮތުގައި ކައްކައި، ހިއްކައި، ވިއްކައިގެން އާމްދަނީ ހޯދާ ފަރާތްތަކާއި، ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި، އަދިވެސް އެހެނިހެން މަސްވެރިކަން ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމަށް ކުރަމުންދަނީ ކޮންކަންތައްތަކެއްތޯ ސުވާލުކުރައްވާފައި ވެއެވެ. އަދި އެފަރާތްތަކަށް ތެލުގެ ސަބްސިޑީ ނުލިބި މަސްވެރިކަމުގެ ސިނާއަތުގެ އެކި ބާވަތްތަކުން މަސްވެރިންގެ މެދުގައި ތަފާތުކުރެއްވުން ގެންގުޅުއްވަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައި ވެއެވެ.
މީގެ ކުރިންވެސް މި ސުވާލުކުރެއްވުމަށް އެޖެންޑާކޮށްފައިވެއެވެ. އެހެންނަމަވެސް އެފަހަރު މިނިސްޓަރު ހާޒިރުވެވަޑައި ނުގަންނަވަ އެވެ.
މިނިސްޓަރު ޝިޔާމް މަޖިލީހަށް ހާޒިރު މިކުރަނީ، މަސްވެރިކަން ރަނގަޅުވެ، އޮޑިފަހަރުތަކުން ގިނަ އަދަދަކަށް މަސް ބާނަމުންދާއިރު، މަސް ކިރުވޭނެ ގޮތެއް ނެތި، މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.