މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްކިރަން ބޭނުންވާ އޮޑިފަހަރަށް ގދ. ގައްދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓުން ކިއު ނަންބަރު ދޫކުރަން ފަށައިފި އެވެ.
މިފްކޯއިން މިރޭ ކެޔޮޅުންނާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ކިއުގައި ޖެހިގެން މަސް އޮޑިފަހަރު މަސް ކިރަމުންދާ މި ދަނޑިވަޅުގައި، އޮޑިފަހަރަށް ފަސޭހައިން ކިއު ނަންބަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގައްދޫ އައިސް ޕްލާންޓް މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން ފަށާފައިވާކަމަށެވެ.
މީގެކުރިން ކިއު ނަންބަރު ދޫކުރަމުން އައީ، ކޫއްޑޫ ޖެޓީންނާއި، ގދ. ތިނަދޫ އައިސް ޕްލާންޓުންނެވެ. މިރޭ ގައްދޫން ކިއު ނަންބަރު ދޫކުރަން ފެށުމާއެކު، ކޫއްޑޫއަށް މަސްކިރަން 3 ސަރަހައްދަކުން ކިއު ނަންބަރު ނެގޭގޮތް ހަމަޖެހިގެން ދިޔައީ އެވެ.
މިފްކޯއިން މިގޮތަށް ނިންމާފައި މިވަނީ، ކޫއްޑޫއަށް މަސް ކިރަން އެތައް ދުވަހެއް ވަންދެން ކިއުގައި ޖެހެން ޖެހުމާއި، މަސް ކިރޭގޮތް ލަސްވުމުގެ ސަބަބުންނެވެ. މިދިޔަ ދެ ދުވަހު ކޫއްޑޫއަށް މަސްކިރަން ނެގި ކިއު ނަންބަރު ޖެހެނީ 10 ދުވަސް ފަހުންނެވެ. މިކަމާއި ގުޅިގެން މަސްވެރިން ދަނީ އެކި މަންސަތަކުގައި މިފްކޯއަށް ފާޑުކިޔައި އަޑު އުފުލަމުންނެވެ. ބައެއް މަސްވެރިން ބުނަނީ، މިއީ 48 ގަޑީއިރުގެ ތެރޭގައި މިހާރު ފައިސާ ދޫކުރަމުންދާތީ، މަސް ކިރާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެނަމަ، ފައިސާ ދޫކުރެވޭނެކަމުގެ ޔަގީންކަން ނެތުމުން ގަސްދުގައި ކުރާކަމެއްގެ ގޮތުގައެވެ.
ހުވަދު އަތޮޅުގައި މަސްވެރިކަން ރަނގަޅުވެ ރާއްޖޭގެ އެހެން ހިސާބުތަކުގެ އޮޑިފަހަރުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، ކޫއްޑޫއަށް މަސް ނުކިރޭތީ، ބައެއް އޮޑި ފަހަރު މިހާރު ދަނީ ލ އަތޮޅުގައި ހުންނަ މާންދޫ މަސް ފެކްޓަރީ އަށް މަސް ކިރަމުންނެވެ. މިއީ، ހުރިހައި ގޮތަކުންވެސް ވަރަށް ގެއްލުން ބޮޑު ދަތުރެއްގެެ ގޮތުގައި ހުވަދޫ މަސްވެރިން ފާހަގަކުރެއެވެ.