މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ވިއްކާ އިންޖީނުތައް އަޅާފައި ހުރި އޮޑިތަކުގެ ވެރިންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ، އެމްޓީސީސީން ވިއްކާ އިންބޯޑް އަދި އައުޓްބޯޑް އިންޖީނު ގެންގުޅޭ އޮޑިވެރިންނާއި، އިންޖީނިއަރުން އަދި އިންޖީނު މަރާމަތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ 1 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން ބުނީ، މި ތަމްރީން ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަ ފޯމް މެދުވެރިކޮށް 10 ފެބްރުއަރީ 2025 ގެ މެންދުރު 12:00ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭކަމަށެވެ. ރަޖިސްޓްރީ ފޯމްގެ ލިންކަކީ https://forms.office.com/r/56Y5YJ4zFg އެވެ.
އެމްޓީސީސީން ވިއްކާ އިންޖީނުތަކުގެ ތެރޭގައި ޔަންމާ އިންބޯޑް އަދި ސުޒުކީ އައުޓްބޯޑް އިންޖީނު ހިމެނެއެވެ. މިއީ ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިންގެ މެދުގައި އިތުބާރު އޮންނަ އަދި މަގްބޫލްކަން ހޯދާފައިވާ އިންޖީނުތަކެކެވެ.
އެމްޓީސީސީ ކަށަވަރު ޓީމުން ވަނީ މިދިޔަ މަހު ހުވަދު އަތޮޅުގައި އިންޖީނު ބަލަހައްޓަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ބާއްވާފަ އެވެ.