މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، މުޙައްމަދު ޝަކީލް ނިޔާވެއްޖެއެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މެރިކަލްޗަރގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.
ޝަކީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޝަކީލް ނިޔާވުމަކީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައްކުރުމުގެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ އުނިކަމެެއްކަމަށެވެ. އަދި، މަރްޙޫމް މުޙައްމަދު ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއްކަން ފާހަގަކުރައްވާފައި ވެއެވެ.
”މަރްޙޫމް މުޙައްމަދު ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، ތަޢުޒިޔާ ދަންނަވަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި، މާތް الله މަރްޙޫމު ޝަކީލުގެ ފުރާނަ ލައްވާށިއެވެ. އާމީން.“ ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި ވެއެވެ.
41 އަހަރު ދައުލަތަށް ޚިދުމަތްކޮށްދެއްވާފައިވާ މަރްހޫމް ޝަކީލަކީ ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގައި ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސާޗް ސެކްޝަނުގައި ފުރަތަމަ ފެށިގެން ދިޔައީ ޝަކީލުގެ މޭސްތިރިކަމުގެ ދަށުންނެވެ. އަދި މެރިން ސައެންސްގެ ދާއިރާއަށް ދިވެހިން ނެރުމަށް ވަރަށް ޝައުގުވެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި، ގިނަ މުވައްޒަފުންތަކެއް މި ދާއިރާއިން ޝަކީލް ތަމްރީން ކުރައްވާފައި ވެއެވެ.