މާލެ ސަރަހައްދުގައި ސަރުކާރު މަސް ކުންފުނި، މިފްކޯގެ މަސް ކިރާ ބޯޓެއް އޮންނަން ޖެހޭ ކަމަށް ކެޔޮޅު އަބްދުﷲ ރަޝީދު(އައްދު) ބުނެފި އެވެ.
މާލެ ސަރަހައްދުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހިއްސާކުރަމުން ކެޔޮޅު އައްދު ބުނީ، މި ސަރަހައްދަކީ ގިނަ އަދަދެއްގެ މަސް އޮޑި ފަހަރު ހަރަކާތްތެރިވާ ސަރަހައްދަކަށްވާއިރު، ދައުލަތުގެ ނިޒާމުގެ ތެރެއިން މަސް ކިރޭނެ ވަސީލަތެއް މި ސަރަހައްދުގައި ގާއިމުވެފައި ނެތުމަކީ ކަންބޮޑުވާން ޖެހޭކަމެއްކަމަށެވެ. އަދި، ކޮންމެ ސަރުކާރެއް އޮތަސް މިފްކޯގެ މަސް ކިރާ ބޯޓެއް މި ސަރަހައްދުގައި ދާއިމަށް ބޭއްވޭނެ ނިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކެޔޮޅު ފާހަގަކުރި އެވެ.
”މަސްވެރިކަމުގެ އެންމެ ގިނަ ދަތިތައް މިހުރީ މާލެ ސަރަހައްދުގަ. މަސްވެރިކަން ދަށް އަދި ރަނގަޅު ދުވަސްވަރުގަވެސް މި ސަރަހައްދުގެ މަސްވެރިން މަސް ކިރާލާނެ މިފްކޯ ބޯޓެއް ނެތް. މިދިޔަ ހުރިހައި ސަރުކާރަކުންވެސް މި ސަރަހައްދަށް ވަރަށް ބޮޑަށް އިހުމާލުވެފަ މިއޮތީ. އެމްޑީޕީ ސަރުކާރުގަ ކޮންމެވެސް ދުވަސްވަރެއްގައި ބޯޓެއް ބޭއްވި. އެކަމު ދާއިމަށް މިކަން ވާކަށް ނެތް. މި ސަރުކާރުގަ މިކަހަލަ ވިސްނުމެއް ނުވެސް ނެތް. މިފްކޯގެ ބޯޓެއް މި ސަރަހައްދުގަވެސް އޮންނަން ޖެހޭ.“ ކެޔޮޅު އައްދު ބުންޏެވެ.
ކެޔޮޅު އައްދު ބުނީ، މި އަތޮޅުގައި ދައުލަތުގެ އައިސް ޕްލާންޓެއް މިވަގުތު ހުރީ ގާފަރުގައި އެކަނިކަމުން، އައިސް ލިބުމުގެ ދަތިކަންވެސް އެބައޮތްކަމަށެވެ. މީގެ ހައްލަކީ މަސްވެރިން އެންމެ ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތައް ބަލައި އިތުުރު އައިސް ޕްލާންޓްތައް މި އަތޮޅުގައި ގާއިމުކުރުން ކަމަށް ކެޔޮޅު ބުންޏެވެ.
”މާލެ ސަރަހައްދަކީ ރާއްޖޭގެ ހުރިހައި ހިސާބަކުން މަސްވެރިން މަސް ބާނައިގެން މަސް ކިރަން އަންނަ ސަރަހައްދެއް. މިތާނގައި ދައުލަތުގެ ކުންފުނީގެ އައިސް ޕްލާންޓެއްވެސް ނެތް. މިފްކޯގެ އެންމެ އައިސް ޕްލާންޓެއް މިއަތޮޅުގަ މީންނަނީ، އެއީވެސް އެންމެ އުތުރުކޮޅު ގާފަރުގަ. ހުރިހައި އެންމެން މަސް ބާނައިގެން މި އަންނަނީ މި ސަރަައްދަށް. އައިސް ލިބުމުގެ ދަތިކަން އިންތިހާއަށް އެބައޮތް.“ ކެޔޮޅު ބުންޏެވެ.
މާލެ ސަރަހައްދަށް ބަލާއިރު، މާލޭ އުތުރު ފަރާތު ފަޅަށް ވަންނަ އޮޑި ފަހަރާއި، ހުޅުމާލެ ކަންނެލި ޖެޓީއަށް ވަންނަ އޮޑި ފަހަރުތަކުން މިހާރު އައިސް ގަންނަން ޖެހެނީ އަމިއްލަ ކުންފުނިތަކުންނެވެ. އެ ތަންނަނުން އައިސް ވިއްކަނީ މިފްކޯއަށް ވުރެ އަގު ބޮޑުކޮށް ކަމަށްވެފައި އަދި އައިސް އަޅަން ކުރާ ދަތުރަށް ތެޔޮ އަންދަން ޖެހުމުން، މިއީ މަސްވެރިންނަށް މާލީ ގޮތުން ލިބޭ ބޮޑު ގެއްލުމެކެވެ. އެހެންކަމުން މާލެ ސަރަހައްދުގައި މަސްވެރިންނަށް ދައުލަތުން ވިއްކާ އަގުގައި އައިސް ލިބޭނެގޮތެއް ނުވަތަ ދައުލަތުގެ ކުންފުނިން ހިންގާ އައިސް ޕްލާންޓެއް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރުމުގެ މުހިންމުކަން ކެޔޮޅު ފާހަގަކުރި އެވެ.
ކެޔޮޅު ބުނީ، އެެހެން ސަރަަހައްދުތަކުގައި މިފްކޯގެ މަސްކިރާ ފެސިލިޓީތަކާއި މަސްކިރާ ބޯޓްތައް ހުންނާތީ، އެތަންތަނަށް ކިރާ މަހަށް މިހާރު 48 ގަޑީއިރުން މަސް ލިބޭ ކަމަށެވެ. އެހެންނަމަވެސް، މި ސަރަހައްދުގެ މަސްވެރިންނަށް މިފަދަ ވަސީލަތެއް ފަހިކޮށްދީފައި ނެތުމުން މަސްކިރަން ޖެހެނީވެސް އަމިއްލަ ކުންފުންޏަކަށްކަމަށާއި، އެތަނުން ފައިސާ ލިބެނީ 10-12 ދުވަސް ފަހުންކަމަށެވެ. އެހެންކަމުން މިއީވެސް ވަރަށް ބޮޑު ތަފާތުކުރުމެއްގެގޮތުގައި ކެޔޮޅު ފާހަގަކުރި އެވެ.