ބޭންކިންގް ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއި ލޯނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ ކްރެޑިޓް ފެސިލީޓިއަށް އެދުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެއެވެ.
ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ގެނެވޭ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެ ތެރެއިން އެމަނިކުފާނު ވައުދުވެފައިވާގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރެއް އުފައްދާފައިވާކަމަށެވެ. އަދި މިހާތަނަށް އާއިރު މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަން ބަޔާންކުރެއްވި އެވެ.
ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން މަސްވެރިންނަށް ލިބޭ މަންފާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި، އެސްޓީއޯގެ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން މުޅިން ފަހިވެގެންދާނެކަމަށެވެ.
“ އަޅުގަނޑު ބޭނުންވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން ދައުލަތުން ޝަރަފުވެރިކަމާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތުތަކެއް ފަހިކޮށްދޭން. އެއް ޤައުމެއް. އެއް އާއިލާއެއް.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތުގެ ދަށުން މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލާ އޭގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.