back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިއަހަރުތެރޭގައި މަސް ދޯނިފަހަރުގައި 80 ޑައިވަރުން ތަމްރީންކުރަނީ

މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިއަކު ”ރެސްކިއު ޑައިވަރ“ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ފަށާފައިވާ ޚާއްޞަ ތަމްރީން ޕްރޮގްރާމްގެ ދަށުން މިއަހަރު 80 ފަޅުވެރިއަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ރެކޯޑް ޤާއިމް ކުރުމަށް ކުރާ އެންމެ ދިގު ”ސިންގަލް އޯޕަން ވޯޓަރ ޑައިވް“ ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު  ޝިޔާމް ވިދާޅުވީ، މަސްދޯނި ފަހަރުގައި ހަރަކާތްތެރިވާ 80 ފަޅުވެރިއަކު ”ރެސްކިއު ޑައިވަރ“ ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ. އަދި އެއަށްވުރެ ގިނަ އަދަދަކަށް ޑައިވަރުން ތަމްރީންކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށާއި، އުންމީދަކީ މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކުން 1 ފަޅުވެރިއަކަށް މި ތަމްރީންދީ ނިންމާލުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްދޯނިތަކުން އެންދެމުމަށް ޑައިވްކުރާ ގިނަ ޑައިވަރުންގެ ފުރާނައަށް ނުރައްކާވެ ހިތާމަވެރި ހާދިސާތައް ކުރިމަތިވަމުންދާތީ، އެކަން މަދުކުރުމުގެ ގޮތުން ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ތަމްރީން ޕްރޮގްރާމް 19 ޖަނަވަރީ 2024 ގައި ފަށާފައިވާއިރު، މިހާތަނަށް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީންކޮށްފައި ވެއެވެ.

އޯޝަން ސިކްސްފިފްޓީގެ ފަރާތުން އިންތިޒާމު ކުރާ ”އެކްރޮސް މޯލްޑިވްސް” ހަރަކާތް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު އަހްމަދު ޝިޔާމެވެ. މި ހަރަކާތުގައި ސްކޫބާ ޑައިވިންގ ދާއިރާއިން ދުނިޔޭގެ ދެ ރެކޯޑެއް ޤާއިމުކުރުމަށް ރާވާފައިވެއެވެ. އެކްރޮސް މޯލްޑިވްސް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފުރަތަމަ ފިޔަވަހި ކުރިއަށްދާނީ މާލޭ ސަރަހައްދުގައި އަންނަ ބުދަ ދުވަހުއެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް 70 ކިލޯ މީޓަރަށް އެ ފިޔަވަހީގައި ޑައިވްކުރާނެއެވެ. އަދި ދެ ވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށްދާއިރު، މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީ އަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރާނެއެވެ. އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށްވާނެއެވެ.

މިލިޔުމާއި ގުޅޭ